ލަންކާގެ ކުރީގެ ޕޮލިސް ޗީފާއި ޑިފެންސް ސެކްރެޓަރީ މަރަން ހުކުމްކޮށްފި
ސްރީލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭއާ ދިމާކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީ އާއި ޖިނާއީ ބޮޑު އިހުމާލެއް ވެފައިވާތީ، އެ ގައުމުގެ ކުރީގެ ޕޮލިސް ޗީފް ޕޫޖިތު ޖަޔަސުންދަރަ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ މަރަން އެ ގައުމުގެ ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ހާއްސަ ބެންޗަކުން މި ހުކުމް އިއްވީ ބޮންގޮއްވުންތަކުގެ ކުރިން އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ދީފައިވާ ސައްހަ މައުލޫމާތުތަކަށް އަމަލުނުކޮށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މި ދެ ބޭފުޅުން ބޮޑުތަނުން އިހުމާލުވެފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
މިއީ ސްރީލަންކާގެ ފަހުގެ ތާރީހެއްގައި ސަލާމަތީ ދާއިރާގެ އެންމެ މަތީ ވެރިންގެ މައްޗަށް މިފަދަ ބޮޑު އިހުމާލެއްގެ ދައުވާ ސާބިތުވެ މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި މީގެ ކުރިން 2022 ވަނަ އަހަރު މި ދެ ބޭފުޅުން ސާބިތުނުވާ ކަމަށް ނިންމައި ދަށު ކޯޓުން ދޫކޮށްލާފައި އޮތް ނަމަވެސް، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގެ އަމުރަކަށް އަލުން މައްސަލަ ބަލައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ދުރާލައި ލިބުނު މައުލޫމާތަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން 260 އަށް ވުރެ ގިނަ މައުސޫމް މީހުންގެ ފުރާނަ ގެއްލިގެން ދިއުމުގެ ޒިންމާ މި ދެ ބޭފުޅުން އުފުލަންޖެހޭނެ ކަމަށެވެ.
Ads by BMLބޮމުގެ ހަމަލާ ދިން ދުވަސްވަރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ސަލާމަތީ ކަންކަމުގައި ގައުމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށާއި، ލިބުނު އިންޓެލިޖެންސް ރިޕޯޓުތަކަށް އެދެވޭ ސަމާލުކަމެއް ދެއްވާފައި ނުވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ޖަޔަސުންދަރަ އާއި ފެނާންޑޯ ވަނީ ބަޔާން ދެއްވާފަ އެވެ. އެހެންނަމަވެސް، ކޯޓުގެ އަގުލަބިއްޔަތުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށާއި އެކަމުން ރެކެން ދެއްކި ބަހަނާތައް ގަބޫލުނުކުރެވޭނެ ކަމަށެވެ.
ސްރީލަންކާގައި 1976 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލާފައި އޮތުމުގެ ސަބަބުން، މަރުގެ ހުކުމް އިއްވޭ މީހުންގެ އަދަބު އާންމު ގޮތެއްގައި ބަދަލުވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. މި ހުކުމާ ގުޅިގެން މި ދެ ބޭފުޅުންނަށް ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަފާލާތުގެ ދަށުން ދޫކުރެވެންދެން މިހާރު ވަނީ ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.
Ads by MACL
