ބިލް ގޭޓްސް އާއި ފައުޗީގެ ގުޅުމާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް
އެމެރިކާގެ ސެނެޓަރު ރޭންޑް ޕޯލް އާންމުކުރެއްވި ސިއްރު ލިޔެކިޔުންތަކަކާ ގުޅިގެން، ކޮވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރު މަހުޖަނު ބިލް ގޭޓްސް އާއި އެމެރިކާގެ އިސް ސިއްހީ މަޝްވަރާދޭ ފަރާތް އެންތަނީ ފައުޗީގެ މެދުގައި އޮތް ގުޅުމާ މެދު ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ބިލް ގޭޓްސް އަތުގައި އެމެރިކާގެ ނިއުކްލިއާ މައުލޫމާތާ ގުޅޭ "ކިއު" ސިއްރު ކްލިއަރެންސް އޮތެވެ. މިއީ ކޮވިޑުގެ ފިޔަވަޅުތަކާއި ފުރަބަންދުތައް ތަންފީޒުކުރެވުނު މުޅި މުއްދަތުގައި އެމެރިކާގެ އެންމެ މަތީ ސިއްރު ނިއުކްލިއާ މައުލޫމާތުތަކަށް ގޭޓްސްއަށް ވަދެވޭ ގޮތަށް އޮތް ކްލިއަރެންސެކެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރުގެ އެޕްރީލް މަހު ގޭޓްސް އެކުލަވާލެއްވި ޕެންޑެމިކް މެމޯއާއި، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭނާ ލިޔުއްވި ފޮތުގެ މަސައްކަތްތަކުގައި އެންތަނީ ފައުޗީ އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން އިސްލާހުތައް ހުށަހަޅުއްވާފައިވާކަން ވަނީ ހާމަވެފައެވެ. މިއަށްފަހު، އެ މަސައްކަތް ސިއްރުކުރުމުގެ ގޮތުން އިތުރު އިސް މުވައްޒަފަކަށް ފޮތް ހަވާލުކުރުމަށްފަހު ނައްތާލާފައިވާކަމަށް ފައުޗީ ވިދާޅުވެފައިވާކަމަށްވެސް އެ ލިޔެކިޔުންތަކުން ދައްކައެވެ.
Ads by BMLއެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) ގެ އޭރުގެ ޑައިރެކްޓަރު ފްރެންސިސް ކޮލިންސް ވަނީ އެ އެޖެންސީގެ މަސައްކަތްތައް ގޭޓްސް ފައުންޑޭޝަނާ ގުޅިގެން ކުރިއަށްދާ ގޮތާމެދު ސުވާލުު އުފައްދަވާފައެވެ. ގޭޓްސް ފައުންޑޭޝަނުން ރަސްމީކޮށް އެއްވެސް ގްރާންޓަކަށް އެދިފައިނުވި ނަމަވެސް، އެންއައިއެޗްގެ ތަފާތު ގޮފިތަކަށް އެ ފައުންޑޭޝަނުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ފްރެންސިސް ކޮލިންސް މަގާމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވޭތުވެދިޔަ 12 އަހަރު ގޭޓްސް ފައުންޑޭޝަނާއެކު މަސައްކަތް ކުރެއްވުމަކީ ޝަރަފެއް ކަމަށާއި، ދުނިޔޭގެ ސިއްހީ މަސައްކަތްތައް ގާތުން ކުރުމަށް ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެމެރިކާގެ ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑާޕާ) އިން ވަނީ ބަޔޯޑިފެންސްގެ ހަތަރު ޕްރޮގްރާމަކާ ބެހޭގޮތުން 90 މިނެޓުގެ ސިއްރު ބްރީފިންގއެއް ގޭޓްސްއަށް އަރުވާފައެވެ. އޭގެ ތެރޭގައި "އެތެރޭގެ އޮފް ސުވިޗެއް" ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ލާސާ ވެކްސިނެއްގެ މަސައްކަތްތައްވެސް ހިމެނެއެވެ.
މި މައުލޫމާތުތަކާއެކު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެމެރިކާ ސަރުކާރުގެ ރަސްމީ ސިޔާސަތުތަކާއި އާންމު ސިއްހަތުގެ ފިޔަވަޅުތައް ކަނޑައެޅުމުގައި އަމިއްލަ ފަރާތްތަކުގެ ނުފޫޒު ފޯރާފައިވާ މިންވަރާމެދު މިހާރު ދަނީ ސުވާލުުތައް އުފައްދަމުންނެވެ.
Ads by MACL
