ޓްރޫތު ސޯޝަލްގެ ޕޯސްޓްތައް އަވަހަށް ބެލޭ ސަބްސްކްރިޕްޝަނެއް ޓްރަމްޕް ތައާރަފްކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލްގައި ކުރައްވާ ޕޯސްޓްތައް އެހެން މީހުންނަށް ފެނުމުގެ ކުރިން އަވަހަށް ބެލޭނެ ޚާއްޞަ ސަބްސްކްރިޕްޝަން ޚިދުމަތެއް ޓްރަމްޕް މީޑިއާ އެންޑް ޓެކްނޯލޮޖީ ގްރޫޕުން ތައާރަފްކުރުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
"ޓްރޫތު އޭޕީއައި" ގެ ނަމުގައި ތައާރަފްކުރި މި ޚިދުމަތުގެ ދަށުން، ވިޔަފާރިތަކާއި ޓްރޭޑިންގ ފާމްތަކަށް ޓްރަމްޕްގެ އެކައުންޓުން ކުރައްވާ މާކެޓަށް ނުފޫޒު ފޯރުވާފަދަ ޕޯސްޓްތައް ވަގުތުން ވަގުތަށް ލިބޭނެއެވެ.
މި ޚިދުމަތް ހޯދުމަށް މަހަކު 100,000 އެމެރިކާ ޑޮލަރާ ހަމައަށް ފީއެއް ނަގާއިރު، މިއީ އާންމު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ދޭ ފަދަ އޭޕީއައި ޚިދުމަތެއް ނަމަވެސް، މިއަށް ކަނޑައަޅާފައިވާ އަގު ބޮޑުވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ. އަދި މި ޕްލެޓްފޯމްގެ އެންމެ ބޮޑު ހިއްސާދާރަކީ ޓްރަމްޕް ކަމަށްވެފައި، ސިޔާސީ ބޮޑެތި ނިންމެވުންތަކާއި ޚާރިޖީ ސިޔާސަތުތަކާ ގުޅޭ މުހިންމު ޚަބަރުތައް އެންމެ ފުރަތަމަ ހާމަކުރައްވަނީ 13 މިލިއަން ފޮލޯވަރުން ތިބޭ އެމަނިކުފާނުގެ އަމިއްލަ އެކައުންޓުން ކަމަށްވާތީ، މީގެއިން އަމިއްލަފުޅު މާލީ މަންފާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ފާޑުކިޔާ ފަރާތްތަކުންނާއި އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓިކް މެންބަރުން ބުނާ ގޮތުގައި މިއީ މާކެޓް އޮޅުވާލުމާއި އިންސައިޑަރ ޓްރޭޑިންގއަށް މަގުފަހިކުރުވާ ކަމެކެވެ. ސެނޭޓަރު އާދަމް ޝިފް އާއި އެލިޒަބެތު އޮރެން ވަނީ އެސްއީސީއަށް ސިޓީއެއް ފޮނުއްވައި، ރައީސްކަމުގެ މަގާމު އަމިއްލަ މަންފާއަށް ބޭނުންކުރައްވައި މާކެޓުގެ ނަޒާހަތްތެރިކަން ގެއްލުވާލައްވާ ކަމަށް ބުނެ މިކަން ތަޙުޤީޤުކުރުމަށް އެދިވަޑައިގެންފައެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކުގެ ސަބަބުން ސްޓޮކް މާކެޓަށާއި، ތެލުގެ އަގަށް އަދި އިންފްލޭޝަނަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޓެރިފްތަކާއި އިރާންގެ މަޝްރަޙާ ގުޅޭގޮތުން ކުރައްވާ ޕޯސްޓްތަކުގެ ސަބަބުން މާލީ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޢުލޫމާތުތައް ފައިސާ ދައްކައިގެން އަވަހަށް ހޯދުމުގެ ފުރުޞަތު ދިނުމަކީ ޤާނޫނީ އަދި އަޚްލާޤީ ގޮތުން ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
Ads by MACL
