ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޓްރަމްޕްގެ ޞުލްޙައިގެ ރޭވުމާއެކުވެސް އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ވަރުގަދަކޮށް 19 މީހުން ޝަހީދުކޮށްލައިފި

ޓްރަމްޕްގެ ޞުލްޙައިގެ ރޭވުމާއެކުވެސް އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ވަރުގަދަކޮށް 19 މީހުން ޝަހީދުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ސުލްޙައަށްޓަކައި އެކުލަވައިލި އައު ރޭވުން އިއުލާނުކުރި ނަމަވެސް، އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައް ވަރުގަދަކޮށް ޣައްޒާގެ ތަފާތު ސަރަޙައްދުތަކުން މަދުވެގެން 19 ފަލަސްޞީނީން ޝަހީދުކޮށްލައިފިއެވެ.

އާދީއްތަ ދުވަހު އިސްރާއީލުން ދިން ޙަމަލާތަކުގެ ތެރޭގައި ޣައްޒާ ސިޓީގެ އަލްސޫސީ ޓަވަރުގެ އެޕާޓްމަންޓަކަށް ދިން އެއާސްޓްރައިކެއްގައި އެކަކު އޭނާގެ ބަނޑުބޮޑު އަންހެނުންނާއި ފަސް އަހަރުގެ ދަރިފުޅާއެކު ވަނީ ޝަހީދުވެފައެވެ. އަދި ޚާން ޔޫނިސްގެ އަލްޤަރާރާގައި ހުރި ގެއަކަށް ދިން ޙަމަލާއެއްގައި އެކަކާއި އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅު ޝަހީދުވެފައިވާއިރު، ދޭރު އަލްބަލަޙާއި، ޖަބާލިއާ ރެފިއުޖީ ކޭމްޕާއި، ނިކަމެތިވެފައިވާ މީހުން ތިބި ތަންތަނަށް ދިން ޙަމަލާތަކުގައިވެސް ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ.

މި ޙަމަލާތަކަކީ ފާއިތުވި ހަފުތާތަކުގައި އެކަކު އަނެކަކަށް ދެމުންދިޔަ ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވި ދުވަސް ކަމަށް ޣައްޒާގެ ޞިއްޙީ މަސްއޫލުވެރިން ބުނެއެވެ. މީގެ އިތުރުން، އިސްރާއީލުން ވަނީ އަލްއަޤްޞާ މާޓިއާސް ހޮސްޕިޓަލާ ގުޅިފައިވާ ބޭސް ގުދަންތަކަށްވެސް ޙަމަލާދީ ހަލާކުކޮށްލާފައެވެ.

މި ޙަމަލާތައް ދީފައިވަނީ ޓްރަމްޕް އާއި "ބޯޑް އޮފް ޕީސް" އިން ހަމާސްއާއެކު ސުލްޙައިގެ އެއްބަސްވުމެއްގެ ދެވަނަ މަރުޙަލާއަށް އާދެވިފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. ނަމަވެސް، އިސްރާއީލުން ވަނީ ހަމާސްއިން މުޅިން ހަތިޔާރު ނުބަހަނީސް ޣައްޒާއިން ފަހަތަށް ނުޖެހޭނެ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން އަސްކަރީ ޙަރަކާތްތައް ހުއްޓައިލަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި އިސްރާއީލުން ޞުލްޙައިގެ އެއްބަސްވުންތަކަށް ޢަމަލުނުކޮށް، އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާތީ ސުލްޙައަކީ ހަމައެކަނި ނަމެއްގައި އޮތް އެއްޗެކެވެ. މީގެ ކުރިން އޮކްޓޯބަރު 2025 ގައި ޤަޠަރާއި އީޖިޕްޓް އަދި އެމެރިކާ މެދުވެރިވެގެން ހެދި ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުގެ ޙަމަލާތަކުގައި 1,222 އަށްވުރެ ގިނަ ފަލަސްޞީނީން ވަނީ ޝަހީދުވެފައެވެ.