އިރާގުގެ އިރްބީލުގެ އެމެރިކާ ބޭސްއަށް އީރާނުންދިން ވަރުގަދަ ހަމަލާތަކާއެކު އެމެރިކާ ސިފައިން ފައިބަން ފަށައިފި
އިރާގުގެ ކުރުދިސްތާނުގެ އިރްބީލް އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ ކޮމްޕައުންޑުން އެމެރިކާގެ ސިފައިންނާއި ޕެޓްރިއޮޓް މިސައިލް ދިފާއީ ސިސްޓަމްތައް ނަގައި، އެ ސަރަހައްދުން ސިފައިން ބާލަން ފަށައިފިއެވެ.
އާލްމޮނިޓާގެ ރިޕޯޓްތަކާ ހަވާލާދީ އެނގޭ ގޮތުގައި އެމެރިކާގެ ޕެޓްރިއޮޓް ސިސްޓަމްތައް މިހާރު ވަނީ ނުދަންނަ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.
އަސްކަރީ ސަރަހައްދީ މަސްއޫލުވެރިން މިއީ ސެޕްޓެމްބަރު 30 ގެ ކުރިން އިރާގުން ސިފައިން ބޭލުމަށް އަލް އަސްކަރީ އެއްބަސްވުމާ އެއްގޮތަށް ހިންގާ "އާދައިގެ" އަދި "ކުރިން ރޭވިފައިވާ" ކަމެއްގެ ގޮތުގައި ސިފަކުރެއެވެ.
ނަމަވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ އަވަސް އަރުވާލާފައިވާ މި ފޭބުމަކީ އައިއާރުޖީސީން އިރްބީލް ބޭސަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކާއި، ޖުލައި މަހުގެ މެދުތެރެއިންނެށި ޕެޓްރިއޮޓް ސިސްޓަމްތަކަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
ޕްރެސްޓީވީއަށް މަޢުލޫމާތު ދިން މުއައްސަސާތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ހުރި ޕެޓްރިއޮޓް ސިސްޓަމްތައް ވަނީ މުޅިން ހަލާކުވެފައެވެ. އަދި އެމެރިކާގެ ސިފައިން އަވަސް އަރުވާލައިގެން ފޭބުމުގެ މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް އެ މީޑިއާއިން ބުނެއެވެ. ޕްރެސްޓީވީން ވަނީ ހަމަލާތަކުގައި މިސައިލް ސިސްޓަމްތަކަށް ލިބުނު ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.
އައިއާރުޖީސީން ދައުވާކުރާ ގޮތުގައި އިރްބީލްގައި ހުރި އެމެރިކާގެ ދިފާއީ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ވަނީ ސީދާ ހަމަލާތަކުގައި ހަލާކުކޮށްލާފައެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް ލޯންޗަރުތަކާއި، ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން، ޖާސޫސީ މަތިންދާބޯޓުތަކަށް ބޭނުންކުރާ ގްރައުންޑް ސްޓޭޝަނާއި މެއިންޓަނަންސް ފެސިލިޓީ ހިމެނެއެވެ.
އާލްމޮނިޓާ އިން ބުނެފައިވަނީ އީރާނާއި އޭގެ މަދަދުގާރުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުރުދީންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޕެޓްރިއޮޓް ސިސްޓަމްތައް ނެގުމުން (އަދި ހަލާކުވުމުން) ކުރުދީންގެ ވައިގެ ދިފާއީ ނިޒާމު މުޅިން ހަލާކުވެގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ކެމްޕޭނާ ގުޅިގެން ކުރުދީން މެދުވެރިކޮށް އީރާނުގެ ހުޅަނގު ބިންތަކަށް ހަމަލާދޭން ކުރި މަސައްކަތްތަކާ ގުޅިގެން، ފެބްރުއަރީ މަހުންފެށިގެން އީރާނުން އަންނަނީ އިރާގުގެ އުތުރުގައިވާ ކުރުދީ ބާރުތަކަށް ވަރުގަދައަށް ހަމަލާދެމުންނެވެ.
އާލްމޮނިޓާގެ މަސްދަރަކުން ބުނެފައިވަނީ "ކުރުދިސްތާން ސަރަހައްދަކީ އެމެރިކާއަށް މިހާރު އިސްކަންދޭ ތަނެއް ނޫން" ކަމަށާއި، އެމެރިކާއިން އިސްކަންދެނީ ގަލްފް ސަރަހައްދަށާއި އުރުދުންއަށް ކަމަށެވެ.
Ads by MACL
