އެމެރިކާއާ އެކު މަޝްވަރާކުރަން ތައްޔާރެއް ނޫން: އީރާން
އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ބަލައި އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްކުރެއްވި ނަމަވެސް، އެމެރިކާއާ އެކު ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރު ނޫން ކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި ނިންމުމާ އެކު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާ އެކު އެއްބަސްވުމަކަށް އާދެވުން ވަރަށް ގާތްވެފައިވާ ކަމަށާއި، އައު މަޝްވަރާތަކެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އީރާނުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދޭން ރާވާފައިވާ ވަރުގަދަ ހަމަލާތައް ފަސްކުރެއްވީ ގަތަރާއި، ސައޫދީ އަަރަބިއްޔާގެ އިތުރުން އެކުވެރި އަރަބި އިމާރާތުގެ އެދުމުގެ މަތިން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ އޮތީ ކޮންމެ ވަގުތެއްގައި ވެސް ހަމަލާދޭން ތައްޔާރަށް ކަމަށެވެ.
Ads by BMLމިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މި ދުވަސްވަރު އެއްވެސް ގައުމެއްގެ ވަފުދަކަށް އީރާނުން މަރުހަބާ ނުކިޔާނެ ކަމަށާއި އަދި އެހެން ގައުމަކަށް އީރާނުގެ ވަފުދެއް ނުދާނެ ކަމަށެވެ. މި ބަޔާނުގެ ސަބަބުން ސީދާ މަޝްވަރާތަކެއް ކުރިއަށް ނުދިޔަ ނަމަވެސް، އޮމާނާއި، ގަތަރު އަދި ޕާކިސްތާނު ފަދަ މެދުވެރިން މެދުވެރިކޮށް ނުސީދާ މަޝްވަރާތަކެއް ކުރިއަށްދިއުމުގެ ފުރުސަތު އޮތް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ހާއްސަކޮށް ހުރުމުޒު ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އީރާނުން އޮމާނާ އެކު ކުރަމުންދާ މަޝްވަރާތައް މިހާރު އޮތީ ފަހު މަރުހަލާގައެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މުހިންމު ސަރަހައްދަކަށް ވާއިރު، އެ ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޓްރަމްޕް ހަމަލާތައް ފަސްކުރެއްވި ހަބަރާ އެކު، ތެލުގެ އަގު ހަތަރު ޑޮލަރަށް ވުރެ ދަށަށް ގޮސްފައިވެއެވެ. މުރާސިލުން ދެކޭގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން ނިއުކްލިއާ މައްސަލައިގައި ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމަކީ ދުރުގައި އޮތް ކަމެއް ނަމަވެސް، ކަނޑުއޮޅި ހުޅުވާލުމާ ބެހޭގޮތުން ވަގުތީ ހައްލެއް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.
Ads by MACL
