ޗައިނާގެ އަސްކަރިއްޔާއިން ވައިގެ ބޮޑެތި ހަމަލާތައް ރޭވުމަށް އޭއައި ސިސްޓަމެއް ތައާރަފުކޮށްފި
ޗައިނާގެ ސިފައިންގެ ވައިގެ ބާރުން 100 އަށްވުރެ ގިނަ ޔުނިޓު ބައިވެރިވާ ބޮޑެތި ޙަމަލާތަކުގެ ޕްލޭންތައް އެކުލަވާލުމަށް ޚާއްޞަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމެއް ބޭނުންކުރަން ފަށައިފިއެވެ.
ޗައިނާގެ ދައުލަތުގެ ޓީވީން އާންމުކުރި ޑޮކިއުމެންޓަރީއެއްގައި ބުނެފައިވާ ގޮތުގައި "އިންޓެލިޖެންޓް ސްޓްރައިކް ޕްލޭނިން ސިސްޓަމް" ގެ ނަން ދީފައިވާ މި ނިޒާމަކީ ޙަމަލާދޭނެ އިސް ޓާގެޓް ތައް ކަނޑައެޅުމާއި، ޙަމަލާދޭނެ ރާޅުތައް އިންތިޒާމުކުރުމާއި، ސިފައިންގެ ތަފާތު ޔުނިޓުތަކަށް މަސައްކަތްތައް ޙަވާލުކުރުމުގައި ކޮމާންޑަރުންނާއި ޕައިލެޓުންނަށް އެހީތެރިވުމަށް އުފައްދާފައިވާ ނިޒާމެކެވެ.
މި ނިޒާމު އުފައްދާފައިވަނީ ސީނިއާ ކޮލޮނެލް ދެންގް ޖިއަންޕިންގް އިސްކޮށް ހުންނަވައިގެން ތައްޔާރުކުރި ޓީމަކުންނެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ ސަތޭކައަށްވުރެ ގިނަ ޓާގެޓްތަކާއި އެތައް ތަފާތު ފޯމޭޝަންތަކެއް އެކުލެވޭ، ހައި-ސްޕީޑް އަސްކަރީ ތަމްރީނުތަކުގައި އާދައިގެ ހިސާބުކުރުމުގެ މެތަޑްތައް ބޭނުންކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލެއްގެ ގޮތުންނެވެ.
މި ނިޒާމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ވަގުތުން ވަގުތަށް ކަންކަން ވިސްނައި، އެންމެ އެކަށީގެންވާ ހަތިޔާރުތަކަށް ޓާގެޓްތައް ޙަވާލުކުރުމާއި، ބޭކާރު ގޮތުގައި ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމަށް އެހީތެރިވެދޭނެކަމަށް އަސްކަރީ މުޙައްލިލުން ބުނެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ސިފައިންގެ އިދާރާއަށް އިރުޝާދު ދެއްވާފައިވަނީ ޓެކްނޮލޮޖީގެ ބޭނުން އަސްކަރީ ދާއިރާގައި އިތުރުކޮށް، އޭއައި ބޭނުންކޮށްގެން އަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށެވެ.
އެމެރިކާއިންވެސް އަސްކަރީ ކަންކަމުގައި އޭއައި ބޭނުންކުރުމަށް ޕްރޮޖެކްޓްތައް ހިންގަމުންދިޔަ ނަމަވެސް، ޗައިނާއިން ތައާރަފުކުރި މި ސިސްޓަމަކީ ސީދާ އިންސާނުން ދުއްވާ މަތިންދާބޯޓުތައް ހިމެނޭ ބޮޑެތި ޙަމަލާތައް ރޭވުމަށް ޚާއްޞަކޮށްގެން ނެރުނު ފުރަތަމަ ސިސްޓަމްތަކުގެ ތެރެއިން ސިސްޓަމެކެވެ.
Ads by MACL
