ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މިއީ "ފަހު ފުރުޞަތު" ކަމަށް ޓްރަމްޕް އިންޒާރު ދީފި

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މިއީ "ފަހު ފުރުޞަތު" ކަމަށް ޓްރަމްޕް އިންޒާރު ދީފި

އީރާނާއެކު އެއްބަސްވުމަކަށް އައިސް، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ފަސް މަސްދުވަސްވީ ހަނގުރާމަ ނިންމުމަށް މިއީ އީރާނަށް ލިބޭނެ "ފަހު ފުރުޞަތު" ކަމަށް އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.

ވައިޓް ހައުސްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ވަރުގަދަ ޙަމަލާތަކެއް ދިނުމުގެ ކުރިން އީރާނަށް ރަނގަޅު އެއްބަސްވުމެއްގައި ސޮއިކުރުމަށް ކޮންމެ ފަދަ ފުރުޞަތެއްވެސް ދޭން ބޭނުންވާ ކަމަށެވެ.

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށް ބުނަމުންދިޔަ ނަމަވެސް، ޓްރަމްޕް ވަނީ ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ދަޢުވާކޮށްފައެވެ. ސުޢޫދީ ޢަރަބިއްޔާއާއި، އެކުވެރި ޢަރަބި ޢިމާރާތާއި، ޤަޠަރުގެ އެދުމުގެ މަތިން އީރާނާއެކު ވާހަކަތައް ދެކެވެމުންދާ ކަމަށް ޓްރަމްޕް ބުންޏެވެ.

ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވަނީ އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެފައެވެ. އޭނާ ހާމަކުރި ގޮތުގައި މަޝްވަރާތައް ކުރިއަށްދަނީ އޮމާން މެދުވެރިކޮށް، ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުޗާޓަކާ ގުޅޭގޮތުންނެވެ.

ޓްރަމްޕް ބުނެފައިވަނީ ފުރަތަމަ މަރުޙަލާގައި ކަނޑުއޮޅި ހުޅުވާލުމަށްފަހު، ދެވަނަ މަރުޙަލާގައި އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާ ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އީރާނުން ދޮގުހަދައި މަޝްވަރާތައް ނުކުރާ ކަމަށް ބުނި ކަމުގައިވިޔަސް، އީރާނުން އުފައްދާފައިވާ މައްސަލައަށް ޙައްލެއް ހޯދުމަށް ދެގައުމުގެ ދެމެދުގައި ވާހަކަތައް ދެކެވެމުންދާ ކަމަށް ޓްރަމްޕް ބުންޏެވެ.

ފެބްރުއަރީ މަހުން ފެށިގެން ހުރުމުޒު ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ ތެލާއި ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނާ ދެކޮޅަށް ކަނޑުމަގުން އަޅާފައިވާ ބްލޮކޭޑް ވަރުގަދައަށް ތަންފީޒުކުރަމުންދާ ކަމަށާއި، ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ދަތުރުތައް ހުއްޓުވައި ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.