ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

"ބޭނުން" ވީޑިއޯ ކްލަބް މެދުވެރިކޮށް ބެލުންތެރިންތެރިންނާއި ހަމަޔަށް!

"ބޭނުން" ވީޑިއޯ ކްލަބް މެދުވެރިކޮށް ބެލުންތެރިންތެރިންނާއި ހަމަޔަށް!

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އިފްތިތާހުކުރި ”ހައުސް އޮފް ސްޓޯރީޓެލަރޒް“ ގެ ފުރަތަމަ އުފެއްދުން ކަމަށްވާ ”ބޭނުން“، މީޑިއާނެޓްގެ ވީޑިއޯ ކްލަބް މެދުވެރިކޮށް އޯގަސްޓް 6 ވަނަ ދުވަހުން ފެށިގެން ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭނެ ކަމަށް ހައުސް އޮފް ސްޓޯރީޓެލަރޒް އިން ބުނެފިއެވެ. މީޑިއާނެޓްގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްދޭ މި ލޯބީގެ މަޖާ ސީރީޒަކީ ކާމިޔާބު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

މި ސީރީޒްގެ ކުރު ވީޑިއޯ އިޝްތިހާރާއި ފާހަގަކޮށްލެވޭ އިޝްތިހާރު ޕޯސްޓަރުތައް މިހާރު އާންމުކޮށްފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބެން ފަށާފައެވެ.

ކެރެކްޓަރ ތަފްސީލުތައް:

ޝަރަފުއްދީން އަބްދުﷲ (ޝަރަފް) - ސައިފް: ދިރިއުޅުމުގައި އަބަދުވެސް ހަމަޖެހުމާއި އަމާންކަން ބޭނުންވާ، މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ނަމަވެސް އޭނާ ލޯބިވާ މީހުންގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާންވެސް ފަސްނުޖެހޭނެ ވަރުގަދަ ޝަހުސިއްޔަތެކެވެ.

ވާޝިޔާ މުހައްމަދު (ޝިޔާ) - މާޔާ: ހިތްހެޔޮ، އަދި ލޯބީގެ ކަންކަމުގައި ލަދުގަންނަ ނަމަވެސް، ދިމާވާ ނުރައްކާތެރި އުނދަގޫ ހާލަތްތަކުގައި ޖެހިލުންވުމެއްނެތި ކުރިމަތިލާ ކެރެކްޓަރެކެވެ.

އާމިނަތު ޝުހާ - ޝަރާ: އެއްވެސް ކަމެއް ފޮރުވުމެއްނެތި ސީދާކޮށް ބުނެދޭ، ތެދުވެރި، އަދި ވިސްނުން ތޫނު ކެރެކްޓަރެކެވެ. އަބަދުވެސް އެހެން މީހުންނަށްވުރެ ދެ ފިޔަވަޅު ކުރީގައި އުޅޭ، އޮޅުވާލަން ފަސޭހަނުވާނެ ހުޝިޔާރު ކެރެކްޓަރެކެވެ.

ހާޒިފް މުހައްމަދު - އިމްރާން: މަޖާ، މީހުންނާ ގުޅޭ، އަދި ކޮންމެ ހާލަތެއްގައިވެސް އުންމީދު ކަނޑާނުލާ އުފާވެރި މިޒާޖެއްގެ މީހެކެވެ.

މާއިޝް އިސްމާއީލް ނިޔާޒް - ޒޭން: ލަދުރަކި، ނަމަވެސް އުމުރަށްވުރެ ބުއްދިވެރި ތުއްތު ކުއްޖެކެވެ. އޭނާގެ އެންމެ ބޮޑު އެދުމަކީ އޭނާގެ ބައްޕަ އުފަލުގައި ހުރުމެވެ.

މި ސީރީޒްގެ މަންޒަރުތައް ކެމެރާ ކޮށްފައިވަނީ އަހުމަދު ޒިފާފް އެވެ. އަދި ސީރީޒްގެ ފަރުމާކޮށްފައިވާ އިޝްތިހާރު ޕޯސްޓަރުތަކުގެ މަސައްކަތް ކޮށްފައިވަނީ ހޫދު އިބްރާހިމް އެވެ. "ބޭނުން" ވެގެންދާނީ މުޅި އާއިލާއަށް އެކުގައި ބަލާލެވޭނެ، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ފެންވަރު ރަނގަޅު ދިވެހި އުފެއްދުމަކަށެވެ. 2026 އޯގަސްޓް 6 އިން ފެށިގެން މީޑިއާނެޓްގެ ވީޑިއޯ ކްލަބް މެދުވެރިކޮށް މި ސީރީޒް ބަލާލެވޭނެއެވެ.

މުނިފޫހިފިލުވުން

އިތުރަށް ←