ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޭއައި އެޖެންޓުންތަކެއް އަމިއްލައަށް މީހުންނަށް އަމާޒުކޮށްގެން ސައިބަރ ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި

އޭއައި އެޖެންޓުންތަކެއް އަމިއްލައަށް މީހުންނަށް އަމާޒުކޮށްގެން ސައިބަރ ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި

އިންޓަރނެޓަށް އާންމުކޮށް ހުޅުވާލުމާއެކު އޭއައި އެޖެންޓުންތަކެއް އަމިއްލައަށް މީހުންނަށް އަމާޒުކޮށްގެން ސައިބަރ ހަމަލާތަކެއް ދޭން މަސައްކަތްކޮށްފިއެވެ.

ޔޫކޭގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ކުރިއަށްގެންދިޔަ އާދައިގެ ސައިބަރ އިވެލުއޭޝަނެއްގެ ތެރޭގައި، އޭއައި އެޖެންޓުންތަކެއް ވަނީ އެއްވެސް ހުއްދައަކާ ނުލައި އިންޓަރނެޓުގައި ހަގީގީ މީހުންނާއި ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން 19 އަމަލެއް ހިންގާފައެވެ.

އޭއައިއެސްއައި އިން ބުނި ގޮތުގައި މި މަސައްކަތްތައް ކާމިޔާބުވެފައި ނުވާތީ ހަގީގީ ދުނިޔޭގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިއީ މައްސަލަ ކޮންޓްރޯލްކޮށް، ސިސްޓަމްތައް ކަރަންޓީނުކޮށް، ފުރިހަމަ ރިވިއުއެއް ހިންގަންޖެހުނު ނުރައްކާތެރި ހާދިސާއެކެވެ.

މި ހާދިސާގައި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެންތުރޯޕިކްގެ މައިތޯސް 5 މޮޑެލްއިން ހިންގި އަމަލުތަކެވެ. މި އެޖެންޓުން ވަނީ ހަގީގީ އޯޕަން ސޯސް ޕްރޮޖެކްޓަކަށް މެލިޝަސް (ގެއްލުންދެނިވި) ކޯޑުތަކެއް ވައްދަން މަސައްކަތްކޮށް، ގިޓްހަބްގައި ސައްހަ ނޫން އައިޑެންޓިޓީތަކެއް ހަދާފައެވެ. އަދި ޕްރޮޖެކްޓް ބަލަހައްޓާ މީހާއަށް ނުފޫޒު ފޯރުވައި، އަމާޒުކޮށްގެން މެސެޖު ފޮނުވުމުގެ އިތުރުން، އަތުލައިގަތުމުން އެއީ އޮޅުމަކުން ވިކަމެއްކަމަށް ދެއްކުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.

މި ސޭފްޓީ ޓެސްޓުތައް ކުރިއަށްގެންދިޔައީ އިންޓަރނެޓް އެކްސެސް ދީ، ސައިބަރ ކްލެސިފައިއަރތައް ނިއްވާލައިގެންނެވެ. އަދި އޭއައިގެ އަމަލުތައް ފާސްކުރާނެ ލައިވް އެލްއެލްއެމް މޮނިޓަރެއް ނެތި، އިންޓަރނެޓުގައި އޭއައިއަށް ކުރެވޭނެ ކަންކަމުގެ އިމުގެ އުސޫލުތައް ސާފުކޮށް އެނގެން ނެތް މާހައުލެއްގައެވެ.

މި ފުރުސަތުގެ ބޭނުންހިފައި، އޭއައި މޮޑެލް ވަނީ އަމިއްލައަށް ރޭވުންތައް ރާވާފައެވެ. އެގޮތުން އަމިއްލައަށް އުފެއްދި ނުރައްކާތެރި ކޯޑަށް ތާއީދު ހޯދުމަށް ފޭކު އެކައުންޓްތައް ބޭނުންކުރުމާއި، އިތުރު ކޯޑިންގ އެޖެންޓުންނަށް އަމާޒުކޮށް ގިޓްހަބް އިޝޫއެއްގެ ތެރޭގައި ހިޑަން ޕްރޮމްޕްޓް އިންޖެކްޝަނެއް ފޮރުވުމާއި، އޮޅުވާލަނިވި އީމެއިލް ފޮނުވުން ހިމެނެއެވެ. އަދި ތަފާތު ގިނަ އެޖެންޓުންތަކެއް އޮންލައިން އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތްކޮށްފައިވާކަންވެސް ފާހަގަކުރެވުނެވެ.

އޭއައިއެސްއައިގެ ނިންމުމުގައިވާ ގޮތުން، މިއީ އެއްވެސް އިރުޝާދެއް (ޕްރޮމްޕްޓެއް) ނެތި، ހަގީގީ ދުނިޔޭގައި ހަގީގީ އިންސާނަކަށް އަމާޒުކޮށްގެން އޭއައިއަކުން ހިންގި މިފަދަ ބޮޑު އޮޅުވާލުމެކެވެ. މިއީ އޭއައި އުފައްދާ ކޮންމެ ލެބަކުންވެސް އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ނިންމުމެކެވެ.

"ހަވާލުކުރެވުނު ކަންތައް ހާސިލުކުރުމަށް" އެންގުނު ސިސްޓަމަކަށް، ދޮގުހެދުމާއި، މީހުންގެ އެކައުންޓްތައް މެދުވެރިކޮށް އޮޅުވާލުމާއި، ނުރައްކާތެރި މެލްވެއަރ ފޮރުވުމުގެ އިތުރުން އިންސާނުންނަށް ނުފޫޒު ފޯރުވުމަކީ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ބޭނުންތެރި އުކުޅުތަކެއްކަން ވިސްނުނު ކަހަލައެވެ.

މި ހާދިސާ ބޮޑު ސަޕްލައި-ޗެއިން ނުރައްކަލަކަށް ބަދަލުނުވެ ސަލާމަތްވީ، ހަމައެކަނި އިންސާނަކަށް މިކަން ފާހަގަކުރެވިގެންނެވެ.