ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވެ މޮސާޑުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވެ މޮސާޑުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

އީރާނުގެ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް އެމެރިކާއާ ގުޅިގެން އިޒްރޭލުން ރޭވި ސިއްރު ރޭވުންތަކަށް އަމަލީ ސިފައެއް ނުގެނެވި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާ ގުޅިގެން، އިޒްރޭލުގެ ޖާސޫސީ އިދާރާ (މޮސާޑު)ގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފިއެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން ނެންގެވި މި ނިންމެވުމުގެ ދަށުން މަގާމުން ވަކިކޮށްފައިވަނީ އެ އިދާރާގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓުގެ ވެރިޔާގެ އިތުރުން އީރާން މައްސަލަތަކާ ބެހޭ ދާއިރާގެ އެންމެ އިސް އޮފިޝަލެވެ.

މި ދެ އޮފިޝަލުން މަގާމުން ދުރުކުރި މައިގަނޑު ސަބަބެއް ކަމަށް ވަނީ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ފުރުސަތުގެ ބޭނުންހިފައި، އީރާނުގެ އެތެރޭގެ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިވެގެން ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް ރޭވި ރޭވުން ނުހިންގުމެވެ. އަދި މޮސާޑުގެ ލީޑަރޝިޕާއި މި ދެ އޮފިޝަލުންނާ ދެމެދު ކުރީއްސުރެ ވެސް ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށާއި، މި ފިޔަވަޅަކީ އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަނބުރާލުމުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ސެކިއުރިޓީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ވެސް މަޝްވަރާކޮށްގެން ކުރިއަށްގެންދިޔަ މި ރޭވުމުގައި، އީރާނުގެ ވެރިކަން ބަދަލުކުރުމަށްފަހު ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ރޭވުންތައް ވެސް ހިމެނެއެވެ. ނަމަވެސް، އަމަލީ މަރުހަލާއަށް ދިއުމުގެ ކުރިން މައްސަލަތަކެއް ދިމާވެ މި މަސައްކަތް ހުއްޓުމަކަށް އައުމުން، އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު އިޒްރޭލުން މިހާރު ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ.

މި ރިޕޯޓުތަކާ ގުޅިގެން އިޒްރޭލު ސަރުކާރުން ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް، އީރާނުގެ ސަރުކާރު ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީގެ ކުރިން އިއުތިރާފުވެވަޑައިގެންފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އަޔާތުއްލާ އަލީ ޚާމަނާއީގެ އިތުރުން އިސް އޮފިޝަލުންތަކެއް އަވަހާރަވެ، 3,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެއާއެކު އީރާނުން ވެސް ވަނީ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލުގެ އަމާޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ދެފަރާތުގެ ދެމެދުގައި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކެއް ޖޫން މަހުގެ ތެރޭގައި ފެށުނު ނަމަވެސް، ސެކިއުރިޓީ ކަންކަމާއި ހޮރްމޫޒް ކަނޑުއޮޅީގެ މިނިވަންކަމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ. އަދި ފަހުން އެމެރިކާއިން އަލުން ހަމަލާތައް ދޭން ފެށުމާއެކު، އީރާނުން ވަނީ ސަރަހައްދީ ގައުމުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ފުޅާކޮށް، މަސްރަހު އިތުރަށް ގޯސްކޮށްފައެވެ.