ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި ކުދިންތަކެއް ޒަޚަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި ކުދިންތަކެއް ޒަޚަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެ
ތައިލެންޑުގެ ނޮންތަބޫރީ ޕްރޮވިންސްގައި ހުންނަ "ޑެބްސިރިން ނޮންތަބޫރީ ސްކޫލް" ގައި 9 ވަނަ ގްރޭޑްގައި ކިޔަވަމުންދިޔަ ދަރިވަރަކު ބަޑިން ދިން ނުރައްކާތެރި ހަމަލާތަކެއްގައި ޓީޗަރަކުމަރުވެ ތިން ދަރިވަރުން ވަރަށް ބޮޑަށް ޒަޚަމްވެ، ހަމަލާދިން ދަރިވަރު އަމިއްލައަށް މަރުވެއްޖެއެވެ.
ބެންކޮކާ އިންވެގެން އޮންނަ ބެންގް ކްރުއައި ޑިސްޓްރިކްޓްގައި ހުންނަ މި ސްކޫލުގެ ކޮމްޕިއުޓަރު ރޫމުގައި ހުރެގެން އެ ކުއްޖާ ހަމަލާދޭން ފެށުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، ސްކޫލުގައި ތިބި ދަރިވަރުންނާއި ޓީޗަރުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާ ހިންގި ވަގުތު ބިރުން ސަލާމަތްވާން ދަރިވަރުން ދުވަމުންދިޔަ މަންޒަރުތަކާއި، އެމްބިއުލާންސްތަކުން ސިއްހީ އެހީތެރިން ފަރުވާދެމުންދިޔަ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އުމުރުން 18 އަހަރުގެ ދަރިވަރަކު ކިޔައިދިން ގޮތުގައި ފުރަތަމަ އިވުނު އަޑަކީ ބަޑިބޭސް ކުޅޭ އެއްޗެއް ގޮވާ އަޑު ކަމަށް ހީވި ނަމަވެސް، އެއީ ތަކުރާރުކޮށް ދެވުނު ބަޑީގެ ހަމަލާތަކެއްކަން ފަހުން ވަނީ އެނގިފައެވެ.
މިއީ މިއަހަރުގެ ތެރޭގައި ތައިލެންޑުގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ބޮޑު ހާދިސާއެވެ. މިދިޔަ ފެބްރުއަރީ މަހު ސޮންގްކްލާ ޕްރޮވިންސްގެ "ޕަޓޮންގްޕްރަތަންކިރިވަތު ސްކޫލް" އަށް 17 އަހަރުގެ ކުއްޖަކު ވަދެ، ސްކޫލްގެ ޑިރެކްޓަރު މަރާލައި ބައެއް މީހުން ރަހީނުކުރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.
ތައިލެންޑަކީ ގަވާއިދާ ޚިލާފަށް ހަތިޔާރު ގެންގުޅޭ މީހުންނަށް 10 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައިވާ، ހަރުކަށި ގާނޫނުތަކެއް އޮންނަ ގައުމެއް ކަމަށްވީ ނަމަވެސް، އެ ގައުމުގެ އާންމުންގެ އަތުގައި 10 މިލިއަނަށްވުރެ ގިނަ ބަޑި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގައި އާންމުންގެ އަތުގައި ހަތިޔާރު ގެންގުޅޭ މިންވަރު އިތުރުވަމުންދާތީ އުފެދިފައިވާ ކަންބޮޑުވުންތައް ވަނީ އަނެއްކާވެސް އިތުރުވެފައެވެ.