ޔަމަންގެ ސަރުކާރު ފޯސްތަކުން ހޫތީންގެ އަމާޒުތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފި
ޔަމަންގެ ސަރުކާރުގެ ސިފައިން ހޫތީ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް އަމާޒުކޮށް ގިނަ ފްރަންޓްލައިންތަކެއްގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މިއީ ހޫތީންގެ ފަރާތުން އާންމުންނާއި ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ޔަމަންގެ އަސްކަރިއްޔާއިން ބުނެއެވެ.
މި އޮޕަރޭޝަން ހިންގިކަން ހާމަކޮށްފައިވަނީ ޔަމަންގެ ގައުމީ ޓީވީ މެދުވެރިކޮށް އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް މާޖިދު އަލްނުޒައިލީ ދެއްވި ބަޔާނެއްގައެވެ.
Ads by BMLތަރުޖަމާނު ބުނެފައިވާ ގޮތުގައި މިއީ ހޫތީންގެ ހަމަލާތަކުން އާންމުން ރައްކާތެރިކުރުމަށާއި ގައުމީ ސަލާމަތް ދިފާއުކުރުމަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މާރިބް އަދި ހަޟްރަމައުތު ސަރަހައްދުގައި ހޫތީން ދިން ހަމަލާތަކުގައި ސިފައިންގެ ބަޔަކު މަރުވެ އަދި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަސްކަރިއްޔާއިން ފާހަގަކުރިއެވެ.
މި އޮޕަރޭޝަނުގައި ހޫތީންގެ ހަތިޔާރުތަކާއި އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރު ފޯސްތަކަށް ހޫތީން ހަމަލާދީފިނަމަ ވަގުތުން ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އަސްކަރިއްޔާއިން ވަނީ ދީފައެވެ.
Ads by MACL
