ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން ބަދަލު ދިނުމުން ކަމަށް އީރާނުން ބުނެފި
އިސްލާމްއާބާދުގައި އެކުލަވާލި ފަހުމުނާމާއާ ހިލާފުވުމުގެ ބަދަލު އެމެރިކާއިން ދިނުމަކީ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޮތް ޝަރުތެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް މައްސޫދު ပެޒެޝްކިއަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ހަވާސާގައި އަރާގްޗީ ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅިން އުޅަންދުފަހަރު ދަތުރުކުރުމުގެ ގާނޫނީ އުސޫލުތަކާ ބެހޭ ގޮތުން އީރާނާއި އޯމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަކީ ކަނޑުއޮޅި މުޅިން ހުޅުވާލުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަރާގްޗީ ވިދާޅުވި ގޮތުގައި ކުރިން ބޭނުންކުރި އުޅަންދުފަހަރު ދަތުރުކުރުމުގެ ނިޒާމު މިހާރު އީރާނަށް ގަބޫލެއް ނުކުރެވެއެވެ. އަދި ފަންނީ އަދި ގާނޫނީ ގޮތުން ހުރި ނުކުތާތަކަށް ރިއާޔަތްކޮށް، ދާއިމީ އުސޫލެއް އެކުލަވާލެވެންދެން ވަގުތީ މަގެއް ކަނޑައެޅުމުގެ މަޝްވަރާތައް ދެ ގައުމުގެ އަސްކަރީ އަދި މެރިން ބާރުތަކުގެ މެދުގައި ދަނީ ހިނގަމުންނެވެ.
Ads by BMLއީރާނުން އިސްލާމްއާބާދު ފަހުމުނާމާގެ ފަސްވަނަ މާއްދާއަށް އަމަލުކުރަމުންދިޔަ ކަމަށާއި، ކަނޑުއޮޅީގެ ދަތުރުފަތުރުގެ 60 އިންސައްތަ އާންމު ހާލަތަށް ގެނެވުނު ކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއިން އީރާނުގެ އިންޒާރުތަކަށް ބެލުމެއްނެތި އާ މަގުތަކެއް ހަދަން މަސައްކަތްކޮށް، އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން ވީ ހިލާފުވުންތަކަށް ބަދަލުދީ، އެހެނިހެން ޝަރުތުތައް ފުރިހަމަވުމުން ކަމަށެވެ. މި މައްސަލައިގައި ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ މަޝްރަހު ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.
Ads by MACL
