މަޖިލިސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ޓްރަމްޕްގެ އަރިސް ކުންފުނިތައް ތަހުގީގުކުރަން ޑިމޮކްރެޓުން ރާވަނީ
އެމެރިކާގެ ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ކުރިއަށް އޮތް މިޑްޓަރމް އިންތިޚާބުގައި ލިބިއްޖެނަމަ، ޑޮނަލްޑް ޓްރަމްޕް ވަގުތުން އަޒުލުކުރަން (އިމްޕީޗްކުރަން) މަސައްކަތް ކުރުމުގެ ބަދަލުގައި، އޭނާގެ އަރިސް ފަރާތްތަކާއި ވިޔަފާރިތައް ތަހުގީގުކުރަން ޑިމޮކްރެޓުން ރާވަމުންދާކަން ހާމަވެއްޖެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން މަޝްވަރާ ކުރަމުންދަނީ ކޮމިޓީތަކުގެ ބާރުގެ ބޭނުންކޮށްގެން ސަބްޕީނާ ފޮނުވައިގެންނާއި، އަޑުއެހުންތައް ބޭއްވުމުގެ އިތުރުން ލިޔެކިޔުންތައް ހޯދައިގެން ޓްރަމްޕްގެ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި އަމާއްޒުތައް ބެލުމަށެވެ. މިއީ ސީދާ ވައިޓް ހައުސްއާ ކުރިމަތިލުމަށްވުރެ، އޭނާއާ ގުޅުންހުރި އަމިއްލަ ކުންފުނިތަކާއި މާލީ އިދާރާތައް ތަހުގީގުކޮށްގެން ވަރުގަދަ ހެކިތަކެއް ހޯދުމަށް ގާއިމުކުރާ ތަހުގީގީ ސްޓްރެޓެޖީއެކެވެ.
މި ޕްލޭންގެ ދަށުން ބަލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި އެޕަލް، އަލްފަބެޓް (ގޫގުލް)، ޕެލަންޓިއަރ، ބްލެކްސްޓޯން އަދި އިލޮން މަސްކްގެ ޓެސްލާ ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މި ކުންފުނިތަކަކީ ސަރުކާރުގެ ކޮންޓްރެކްޓްތައް ލިބިފައިވާ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ކުންފުނިތަކެކެވެ.
އޭގެ އިތުރުން ޓްރަމްޕްގެ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ހިއްސާވާ "1789 ކެޕިޓަލް" ފަންޑާއި، ބޭރު ގައުމުތަކުގެ ސޮވަރިން ވެލްތު ފަންޑުތަކުން ޓްރަމްޕްގެ އާއިލީ ވިޔަފާރިތަކަށް މުއާމަލާތްކޮށްފައިވާ ގޮތްތައް ބެލުމަށްވެސް ވަނީ ރޭވިފައެވެ. ސަރުކާރުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއާއި، ދެން ތިބި ސިޔާސީ އެކުވެރިންނާއި ޑޯނަރުންނަށް ފައިދާ ހޯދައިދީފައިވޭތޯ ބެލުމަކީ މި ތަހުގީގުތަކުގެ މައިގަނޑު ބައެކެވެ.
މިފަދަ ސްޓްރެޓެޖީއެއް ޑިމޮކްރެޓުން ޚިޔާރުކުރީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާ އަޒުލުކުރަން ކުރި މަސައްކަތުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހުއެވެ. އެ ފަހަރު ކޮންގްރެސްއިން އޭނާ އަޒުލުކުރަން ނިންމި ނަމަވެސް ސެނެޓުން ވަނީ ސަލާމަތްވެފައެވެ. އެހެންވެ، މިފަހަރު ވަގުތުން އަޒުލުކުރަން އުޅުމުގެ ބަދަލުގައި، ސާބިތު ހެކިތަކެއް އެއްކޮށްގެން ނޫނީ އެފަދަ ފިޔަވަޅަކަށް ނުދިއުމަށް ޑިމޮކްރެޓުން ވަނީ ނިންމާފައެވެ.
ޑިމޮކްރެޓުން މިހާރުވެސް ވަނީ ބައެއް ކުންފުނިތަކަށް ސިޓީ ފޮނުވައި، ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް އޮތުމުން، އެ ކުންފުނިތަކުން އެ މައުލޫމާތު ދިނުން މަޖުބޫރެއް ނޫނެވެ. ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ހައުސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ސަބްޕީނާ އަމުރު ނެރެގެން އެ މައުލޫމާތުތައް ހޯދުމުގެ ގާނޫނީ ބާރު ޑިމޮކްރެޓުންނަށް ލިބިގެންދާނެއެވެ.
Ads by MACL
