ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންފަންޓީނޯއާ ގުޅޭ ލޯބީގެ ގުޅުމުގެ ތުހުމަތުތައް ފީފާއިން ދޮގުކޮށްފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ----
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ----

ޔޫއެފާގެ ޖެނަރަލް ސެކްރެޓަރީ ކަމުގައި ހުންނެވި ދުވަސްވަރު އެ އިދާރާގެ އަންހެން މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބާއްވައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާތަކެއް ހޯދައިދިން ކަމަށް ބުނެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރަމުންދާ ތުހުމަތުތައް އެ އިދާރާއިން ބާތިލުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފް ނޫހުން މި މައްސަލަ ފެންމަތިކޮށްފައިވަނީ އިންފަންޓީނޯ ޔޫއެފާގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެ އަންހެން މުވައްޒަފަށް ވަޒީފާއިން ވަކިވުމުން ބޮޑު އަދަދަކުން ފައިސާ ދީފައިވާ ކަމަށް ބުނެ އެވެ.

އެ ރިޕޯޓާ ގުޅިގެން ޔޫއެފާއިން ނެރުނު ބަޔާނެއްގައިވަނީ އެ މުވައްޒަފަށް ދިން ފައިސާއާއި މަތީ ތައުލީމަށް ދިން ފުރުސަތުތަކަކީ އެ އިދާރާގެ އޭރުގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަންކަން ކަމަށެވެ.

ނަމަވެސް މި ވާހަކަތައް ހަރުކަށި އިބާރާތުން ދޮގުކޮށް ފީފާގެ މީޑީއާ އޮފިޝަލް ވިދާޅުވީ މިއީ އިންފަންޓީނޯގެ އަގު ވައްޓާލައި ބަދުނާމުކުރުމުގެ ގޮތުން ފަތުރަމުންދާ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އިންފަންޓީނޯގެ ސުލޫކާ ގުޅޭގޮތުން ޔޫއެފާގެ ނުވަތަ ފީފާގެ އެއްވެސް މުވައްޒަފަކު މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.