އެއާ އިންޑިއާގެ ޕައިލެޓަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ ކޮންފާމޭޝަން ޓެސްޓެއް ހަދަންޖެހިއްޖެ
ތައިލެންޑުގެ ޕުކެޓުން އިންޑިއާގެ ނިއުދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ވައިގެ ތެރޭގައި ކުއްލިއަކަށް ތިރިއަށް ވެއްޓި ހިނގި ހާދިސާއަކާ ގުޅިގެން، އެ ފްލައިޓުގެ ޕައިލެޓިން-އިން-ޗާޖު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އިތުރު ކޮންފާމޭޝަން ޓެސްޓެއް ހަދަން އަންގައިފިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، 137 ފަސިންޖަރުންނާއި 8 ކުރޫއިންނާއެކު ދަތުރުކުރި އެއާބަސް A320 މަރުކާރުގެ މި ބޯޓު ވަނީ ވައިގެ ތެރޭގައި ނުބައިކޮށް ގުޑުންއަރައި، ކުއްލިއަކަށް 91 މީޓަރު (300 ފޫޓު) ތިރިއަށް ވެއްޓިފައެވެ. މި ހާދިސާގައި 17 ފަސިންޖަރުންނާއި ކުރޫއިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ބޯޓު ރައްކާތެރިކަމާއެކު ނިއުދިއްލީގައި ޖެއްސުމަށްފަހު، އަނިޔާވި މީހުންގެ ތެރެއިން 8 ފަސިންޖަރުންނާއި 4 ކެބިން ކުރޫއިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ހާލަތު މިހާރު ރަނގަޅެވެ.
Ads by BMLމި ހާދިސާއަށްފަހު ފްލައިޓުގެ ދެ ޕައިލެޓުންގެ ސައިކޯއެކްޓިވް ސަބްސްޓެންސް ސްކްރީނިން ޓެސްޓެއް ވަނީ ހަދާފައެވެ. މި ޓެސްޓުން ބޯޓުގެ ކެޕްޓަން (ޕައިލެޓް-އިން-ޗާޖު) މަސްތުވާތަކެއްޗަށް ސަސްޕެކްޓް ކުރެވޭ ނަތީޖާއެއް ދެއްކުމާ ގުޅިގެން، ކޮންފާމޭޝަން ޓެސްޓު ހެދުމަށް ސާމްޕަލްތައް ވަނީ ޚާއްޞަ ލެބޯޓްރީއަކަށް ފޮނުވާފައެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (AAIB) އިން މިހާރު ވަނީ މި ހާދިސާ "ސީރިއަސް އިންސިޑެންޓް" އެއްގެ ގޮތުގައި ކަނޑައަޅައި، ތަޙުޤީޤު ފަށާފައެވެ. އަދި ތަޙުޤީޤާއި ޓެސްޓުތަކުގެ ފައިނަލް ނަތީޖާ ލިބެންދެން އެ ފްލައިޓުގެ ދެ ޕައިލެޓުންވެސް ވަނީ ސަސްޕެންޑްކޮށް، ދަތުރުތަކުން އެކަހެރިކޮށްފައެވެ.
މި ހާދިސާގެ ސަބަބުން އެއާ އިންޑިއާއަށް އަނެއްކާވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ސަބަބަކީ އެއާ އިންޑިއާގެ ޓާޓާ ގްރޫޕުން އެއާލައިންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ފަހަކަށް އައިސް އެ އެއާލައިނަށް ވަނީ ހިތާމަވެރި އަދި ނުރައްކާތެރި އެކި ހާދިސާތަކާ ކުރިމަތިލާންޖެހިފައެވެ.
Ads by MACL
