ޗައިނާގެ އިރުމަތީ އައްސޭރިފަށަށް ތޫފާން ޑޮލްފިން އަރައި މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި
ޗައިނާގެ އިރުމަތީ އައްސޭރިފަށަށް ތޫފާން ޑޮލްފިން އަރައި މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވަނީ މިއަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ އިރުވައި ތޫފާނާ ގުޅިގެން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކަންނޭލި ފަދަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ބޮޑެތި އިންޒާރުތަކެއް ކަމާބޭހޭ އިދާރާތަކުން ނެރުމާ ގުޅިގެންނެވެ.
ތޫފާން ޑޮލްފިން އެއްގަމަށް އަރާފައިވަނީ އިރުމަތީ ޒޭޖިއަންގް ޕްރޮވިންސްގެ ޔޫހުއާން ކައިރިއަށް ކަމަށްވާއިރު، ތޫފާން އެއްގަމަށް އެރި ވަގުތު ތޫފާނުގެ މަރުކަޒުގައާއި ގާތުގައި ގަޑިއަކު 151 ކިލޯމީޓަރު (ސިކުންތަކު 42 މީޓަރު) ގެ ބާރުމިނުގައި ވައިޖެހެމުންދިޔަ ކަމަށް މީޓިއޮގްރާފިކަލް އޮތޯރިޓީތަކުން މަޢުލޫމާތުދެއެވެ.
މި ތޫފާނުގެ ކުރިން ޖަޕާނުގެ ދެކުނުގެ އޮކިނާވާ ސަރަހައްދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، 6 މީހަކަށް އަނިޔާވެ 50,000 އަށްވުރެ ގިނަ އިމާރާތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަން ފާހަގަކުރެވެއެވެ.
ތޫފާނުގެ ސަބަބުން ޒޭޖިއަންގް، ޝަންހާއީ، ފުޖިއާން، ޖިއަންގްޝީ، އަދި އަންހުއީ ފަދަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޒޭޖިއަންގްގެ ބައެއް ސަރަހައްދުތަކަށް 250 އާއި 500 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ޝަންހާއީއިން 1,500 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާއިރު، ޒޭޖިއަންގް ޕްރޮވިންސްގެ ވެންޒޫ ސިޓީއިން އެކަނިވެސް 900,000 އަށްވުރެ ގިނަ މީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ 1,000 އަށްވުރެ ގިނަ ސެންޓަރުތަކަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން ފުޖިއާން އައްސޭރިފަށުގެ 55 ފެރީ ރޫޓެއްގެ ޚިދުމަތް މެދުކަނޑާލައި، ކަނޑުމަތީގެ 115 އިމާރާތްކުރުމުގެ މަޝްރޫޢެއް ހުއްޓާލުމަށްފަހު 290 އުޅަންދެއް ރައްކާތެރި ފަޅުތަކަށް ވަދެފައިވާއިރު، ޗިއާންތަންގް އަދި ޔޮންގް ފަދަ ބޮޑެތި ކޯރުތައް ފުރިގެން ބޮޑުވުމުގެ ނުރައްކާ އޮތުމުން ކަމާބޭހޭ އިދާރާތަކުން ދަނީ ރައްޔިތުންނަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.
Ads by MACL
