ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިނގިރޭސި ނޭވީ ޑްރޯންތަކެއްގެ މައުލޫމާތު ޗައިނާއަށް ފޮނުވި މައްސަލައެއް ފެންމަތިވެއްޖެ

ކަނޑުމަތީގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ޖާސޫސީ މައުލޫމާތު އެއްކުރުމަށް އިންސާނަކާ ނުލައި އިނގިރޭސީން ބޭނުންކުރާ ކަނޑުގައި ދުއްވާ ޑްރޯނެއް ----
ކަނޑުމަތީގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ޖާސޫސީ މައުލޫމާތު އެއްކުރުމަށް އިންސާނަކާ ނުލައި އިނގިރޭސީން ބޭނުންކުރާ ކަނޑުގައި ދުއްވާ ޑްރޯނެއް ----

އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ބޭނުންކުރާ ޑްރޯންތަކެއްގެ ސިގްނަލްތަކެއް ޗައިނާއަށް ފޮނުވި މައްސަލައެއް ފެންމަތިވެ، އިނގިރޭސި ދިފާއީ އިދާރާތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ. މިއީ އިނގިރޭސި ރޯޔަލް މެރިންސްއިން ބޭނުންކުރަމުންދިޔަ 12 މިލިއަން ރައުންޑުގެ K3 މަރުކާގެ ސުރަވޭލަންސް ޑްރޯންތަކެއްގައި ހުރި ކެމެރާތަކަކުން ދިމާވި މައްސަލައެކެވެ.

މި މައްސަލަ ފެންމަތިވުމާއެކު އިނގިރޭސި ދިފާއީ ވުޒާރާއިން ވަނީ އެ ކެމެރާތަކުގައި ހުރި އިންޓަނެޓް ކަނެކްޓިވިޓީ ވަގުތުން ކަނޑާލާފައެވެ. ތަހުގީގުތަކުން ދައްކާ ގޮތުގައި މި ކެމެރާތަކުގައި ބޭނުންކޮށްފައިވަނީ ޗައިނާގައި އުފައްދާފައިވާ ބައިތަކެކެވެ. އަދި އޭގެއިން ފޮނުވަމުންދިޔައީ ވަސީލަތް އޮންލައިންކޮށް މަސައްކަތްކުރާކަން އަންގައިދޭ އާދައިގެ "ހާޓްބީޓް ސިގްނަލް" ޕަލްސް ސިގްނަލްތަކެކެވެ.

މި ޑްރޯންތައް ސަޕްލައިކޮށްދިން އިނގިރޭސި ދިފާއީ ކުންފުނި ކްރެކެން ޓެކްނޮލޮޖީ ގްރޫޕުން ބުނެފައިވަނީ ކެމެރާތައް ހޯދާފައިވަނީ ތިންވަނަ ފަރާތަކުން ކަމަށާއި، ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސި ދިފާއީ ދާއިރާގެ މަސްދަރުތަކުން ބުނަނީ މިއީ އުފެއްދުންތަކުގެ އަސްލު ބެލުމުގައި ވެފައިވާ ބޮޑު އިހުމާލެއް ކަމަށެވެ.

މި ހާދިސާ ފެންމަތިވެފައިވަނީ އިނގިރޭސި ދިފާއީ ބާރުތަކުގެ ހާއްސަ ބައްދަލުވުންތަކެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް މި ޑްރޯންތައް ބޭނުންކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ހޯރްމުޒް ކަނޑުއޮޅީގައި މި ފްލީޓް ބޭނުންކުރުމަށް ރާވަމުންދިޔަ ދަނޑިވަޅެއްގައި މިފަދަ ކަމެއް ދިމާވުމުން، އިނގިރޭސި ސަރުކާރުން ދަނީ މިކަމުގެ އިލްޒާމް ޗައިނާގެ ބޮލުގައި އަޅުވަން މަސައްކަތްކުރަމުންނެވެ.

އިނގިރޭސިވިލާތުން އެމެރިކާ ފަދަ އެކުވެރި ގައުމުތަކުން ސާމާނު ހޯދުމުގެ ބަދަލުގައި، ރައްކާތެރިކަން ކަށަވަރުނުކޮށް ޗައިނާގެ ބައިތައް ހުރި ސާމާނު ބޭނުންކުރުމުން ދައްކުވައިދެނީ އިނގިރޭސި ދިފާއީ ނިޒާމުގެ ފަރުވާކުޑަކަމެވެ.

މި މައްސަލައާ ގުޅިގެން އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައިވަނީ އަސްކަރީ އެއްވެސް ސިއްރު މައުލޫމާތެއް ނުވަތަ ޑޭޓާއެއް ބޭރުގެ ފަރާތަކަށް ގޮސްފައިވާކަމުގެ ހެކި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އިނގިރޭސި އިދިކޮޅު ފަރާތްތަކުން ދަނީ އަސްކަރީ ހުރިހާ ވަސީލަތްތަކެއްގެ ސެކިއުރިޓީ އޮޑިޓެއް ވަގުތުން ހެދުމަށް ގޮވާލަމުންނެވެ.