ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޮމާނާއެކު ކުރެވޭ މަޝްވަރާތައް ދަނީ އޮމާންކަމާއެކު، ހުރަސްއަޅަން ބަޔަކު އެބައުޅޭ: އީރާން

އޮމާނާއެކު ކުރެވޭ މަޝްވަރާތައް ދަނީ އޮމާންކަމާއެކު، ހުރަސްއަޅަން ބަޔަކު އެބައުޅޭ: އީރާން

އޮމާނާއެކު ކުރިއަށްދާ މަޝްވަރާތައް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި ނަމަވެސް އެއްބަސްވުމަކަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކެއް އެބައުޅޭ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއި ވިދާޅުވެއްޖެއެވެ.

އީރާނުގެ ހާރިޖީ ތަރުޖަމާނު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އޮމާނާއެކު ފަހުމުނާމާއަކަށް އާދެވުމަކީ މަޝްވަރާތަކުގެ މުހިންމު މަރުހަލާއަކަށް ވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކުގެ ވަކި ނަންތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އީރާނުގެ ގައުމީ މީޑިއާ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ބަގާއި ވަނީ ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާއިން ހިންގަމުންދާ އަދާވާތްތެރި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އެ ކަނޑުއޮޅީގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ހިސާރުކުރުމަކީ ތެހެރާނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލެއްގެ ގޮތުގައި އީރާނުން ދެކޭ ކަމަށްވެސް ބަގާއި ވިދާޅުވިއެވެ.

މި މަޝްވަރާތަކަކީ ހުރުމުޒު ކަނޑުއޮޅިން އުޅަންދުފަހަރު ދަތުރުފަތުރުކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް އީރާނާއި އުމާނާ ދެމެދު ކުރިއަށްދާ މުހިންމު ވާހަކަތަކެކެވެ. ސަރަހައްދީ ހަމަޖެހުމާއި ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ އަދި ސިޔާސީ ފެންވަރުގައި މަޝްވަރާތައް ދަނީ ބޭއްވެމުންނެވެ.