ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކޮލަންބިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެ ގިނަ އިމާރާތްތަކެއް ވެއްޓިއްޖެ

ކޮލަންބިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެ ގިނަ އިމާރާތްތަކެއް ވެއްޓިއްޖެ

ކޮލޮމްބިއާގެ ހުޅަނގުގެ ސަރަހައްދުތަކަށް ހޯމަ ދުވަހު އައި ރެކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި މަދުވެގެން 20 މީހުން މަރުވެއްޖެއެވެ.

މި ބިންހެލުމުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޕެރެއިރާއިން ކަމަށްވާއިރު، އެ ސިޓީއިން 18 މީހުން މަރުވިކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ކައިރީގައިވާ މަނިޒާލެސް ސިޓީއިން ދެ މީހަކު މަރުވެފައިވާ ކަމަށް އެ ސިޓީގެ ކަމާބެހޭ އިދާރާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާއިރު، ސަލާމަތްކުރާ ފަރާތްތަކުން ދަނީ އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ބިންހެލުމުގެ އަސަރު ވެރިރަށް ބޮގޯޓާއަށްވެސް ކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ ގިނަ އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައެވެ.

އަމެރިކާގެ ޖިއޮލޮޖިކަލް ސަވޭއިން މަޢުލޫމާތު ދޭ ގޮތުގައި މި ބިންހެލުމުގެ އަސަރު ހުރީ ބޮގޯޓާގެ ހުޅަނގުން ސަން ހޯސޭ ދެލް ޕާލްމާ ސަރަހައްދުގައެވެ. މި ބިންހެލުމުގެ ބާރުމިން ކައިރީގައިވާ އެކުއެޑޯއަށްވެސް ވަނީ ފޯރާފައެވެ.

ކޮލޮމްބިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ލޮޅުންތަކެއް އައިސްދާނެތީ ރައްޔިތުން ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.