ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުން އެމެރިކާއަށް ދިން ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނަން: ޓްރަމްޕު

އީރާނުން އެމެރިކާއަށް ދިން ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނަން: ޓްރަމްޕު

އީރާނުން ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މިއީ ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއިން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ ކަމަށް އީރާނުން ޝަރުތުކުރުމާ ގުޅިގެން ދެއްވި ރައްދެކެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި އޮތް ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ ފާއިތުވި 50 އަހަރު ތެރޭގައި އީރާނުން ދީފައިވާ ގެއްލުންތަކަށް އެމެރިކާއިން ބަދަލު ހޯދާނެ ކަމަށެވެ.

އީރާނާއި އިސްރާއީލާ ދެމެދު ހިނގި ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ދިޔާ ކުރެވުނު ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރި ހޯރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން ދީފައިވާ ގެއްލުންތަކުގެ ބަދަލުދީ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް އީރާނުން ވަނީ ބުނެފައެވެ. މި ޝަރުތުތަކަކީ ޖޫން މަހު ސޮއިކުރެވުނު ވަގުތީ ސުލްހައިގެ އެއްބަސްވުމާ އެއްގޮތް ޝަރުތުތަކެއް ނަމަވެސް، ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.

އީރާނާއި އޯމާންއާ ދެމެދު އޮންނަ މި ކަނޑުގެ މަގާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ޓްރަމްޕްގެ މައިގަނޑު ހުށަހެޅުމުގެ ސަބަބުން މަޝްވަރާތަކަށް އިތުރު ނުތަނަވަސް ކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ބުނީ އެމެރިކާއިން ދިން ގެއްލުމުގެ ބަދަލު ހޯދަން އީރާނުން އެދުމުން، އީރާނުން ފާއިތުވި 50 އަހަރު ތެރޭގައި ދިން ގެއްލުމުގެ ބަދަލު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމީ ކަމަށެވެ.

މި ބަދަލުގެ ތެރޭގައި ސަރަހައްދުގައި މަރުވި އެމެރިކާ ސިފައިންނާއި، އީރާނުގައި ކުރި މުޒާހަރާތަކުގައި މަރުވި އާންމުންގެ ބަދަލު ހިމެނޭ ކަމަށް ޓްރަމްޕު ބުންޏެވެ.

ފާއިތުވި ހަތަރު މަސް ތެރޭގައި އީރާނުގައި52،000 މީހުން މަރުވެފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރިއެވެ.

ނަމަވެސް އީރާނުން ބުނާ ގޮތުގައި ޖަނަވަރީ މަހު ހިނގި ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މަރުވީ 3117 މީހުންނެވެ.

އެމެރިކާގައި ގާއިމުވެފައިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އޭޖެންސީން ފެބްރުއަރީ މަހު ރިޕޯޓުކުރި ގޮތުގައި މަރުވި މީހުންގެ އަދަދު އުޅެނީ ހަތް ހާހުގައެވެ.

ޓްރަމްޕް އިތުރަށް ބުނީ 2000 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަމަންގައި އެމެރިކާގެ ނޭވީ މަނަވަރަކަށް ދިން ހަމަލާގައި މަރުވި 17 ފަޅުވެރިންގެ އާއިލާތަކަށް އީރާނުން ބަދަލުދޭންޖެހޭނެ ކަމަށެވެ. އެ ހަމަލާގެ ޒިންމާ މީގެ ކުރިން އުފުލާފައިވަނީ އަލްގާއިދާއިންނެވެ.

އޭގެ އިތުރުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓްރަމްޕް ބުނީ ލުބުނާނާއި، ސީރިއާ، ޔަމަން އަދި ޣައްޒާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ޒިންމާވެސް އީރާނުން ނަގަންޖެހޭނެ ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޓްރަމްޕްގެ ސިޔާސަތުތައް ވަނީ އެކި ފަހަރު އެކި ގޮތަށް ބަދަލުވެފައެވެ.

އޭނާ ވަނީ މިދިޔަ ހަފުތާގައި އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދެއްވުމަށްފަހު، ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ބުނެފައެވެ. އަދި އަސްކަރީ ހަމަލާތަކުގެ ބަދަލުގައި އިގުތިސާދީ ފިއްތުންތައް އިތުރުކުރަން ގަސްދުކުރާ ކަމަށްވެސް ބުންޏެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އެސިސްޓެންޓެއް ކަމަށްވާ ޗާލްސް ކުޕްޗަން ބުނީ ދެފަރާތުގެ މެދުގައި ދެކެވޭ މިފަދަ ވާހަކަތަކަކީ ސީރިއަސް ވާހަކަތަކެއް ނޫން ކަމަށެވެ.

އީރާނަށް ތެޔޮ އެކްސްޕޯޓް ނުކުރެވޭ ނަމަ ސަލާމަތެއް ނުވެވޭނެ ކަމަށާއި، އެމެރިކާގެ އިންތިހާބު ކައިރިވަމުންދާއިރު ތެލުގެ އަގު އުފުލުމަށް ޓްރަމްޕް ބޭނުންފުޅުނުވާނެ ކަމަށް އޭނާ ބުންޏެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ އޯމާންއާއެކު ކުރިއަށްދާ މަޝްވަރާތައް އޮމާންކޮށް ކުރިއަށްދާ ކަމަށާއި ދަތުރުފަތުރުގެ ރޫޓުތަކާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ނަމަވެސް އެމެރިކާއިން ކަނޑުއޮޅީގައި ހިންގާ އުދުވާނީ އަމަލުތަކުގެ ސަބަބުން ސަރަހައްދު ނުރައްކަލަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ ޖުލައި މަހު ހިފެހެއްޓުންތައް އަލުން ފެށިފަހުން ވިޔަފާރި ކުރާ 55 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ނޭވީއަށް ހޯރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކަނޑުމަތީގެ މައުލޫމާތު އެއްކުރާ ފަރާތްތަކުން ބުނަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.