ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބައްޕަ ނިޔާވުމާ ގުޅިގެން މެސީގެ އަސަރުގަދަ ސިޓީއެއް!

ލިއޮނެލް މެސީ އޭނާގެ ބައްޕަ ޚޯރްޚޭ މެސީ އާއި އެކު ---
ލިއޮނެލް މެސީ އޭނާގެ ބައްޕަ ޚޯރްޚޭ މެސީ އާއި އެކު ---

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލިއޮނެލް މެސީގެ ބައްޕަ، ޚޯރްޚޭ މެސީ ނިޔާވުމާ ގުޅިގެން އޭނާގެ އިހުސާސްތައް ބަޔާންކޮށް، އަސަރުގަދަ ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.

ގާތްގަނޑަކަށް 68 އަހަރުގެ ޚޯރްޚޭ ނިޔާވީ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށްފަހު، ރޮސާރިއޯގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ.

މެސީ އާންމުކުރި ސިޓީގައި ބުނެފައިވަނީ ބައްޕަ ނިޔާވިކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށާއި، ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ވޯލްޑް ކަޕް މުބާރާތް ކުރިއަށްދިޔަ ދުވަސްވަރު ބައްޕަގެ ހާލު ދެރަވި ނަމަވެސް، މުބާރާތުގައި ކުޅުމަށް ބައްޕަ އެދުނު ކަމަށާއި، މެޗުތަކަށްފަހު ބައްޕަގެ މެސެޖަކަށް އިންތިޒާރު ކުރެވުނު ކަމަށް މެސީ ފާހަގަކުރިއެވެ.

ބައްޕައަކީ ހަމައެކަނި އެޖެންޓެއް ނޫން ކަމަށާއި، އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އިތުރުން މުޅި ދިރިއުޅުމުގައިވެސް އެންމެ ބޮޑު އެހީތެރިއަކީ ބައްޕަ ކަމަށް މެސީ ބުންޏެވެ. ކުޑައިރުންސުރެ ދަނޑަށް ގެންގޮސް، ފުޓްބޯޅައިގެ ހަޔާތުގައި ބައްޕަ ވެދިން ގުރްބާނީތައް ހަނދާންކުރަމުން، ދަރިން ބޮޑެތިކުރުމުގައި ބައްޕަ ދެއްކި ނަމޫނާގައި ހިފަހައްޓާނެ ކަމަށް މެސީގެ ސިޓީގައި ލިޔެފައިވެއެވެ.

މެސީގެ ބައްޕަ ނިޔާވުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އާއިލާއިންނާއި މަޝްހޫރު ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ދަނީ މެސީއަށާއި އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. ހަމައެއާއެކު، މެސީ ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އޭނާއަށާއި އާއިލާއަށް ދެއްވި އެއްބާރުލުމާއި އިހުތިރާމަށްޓަކައި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.