ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރެކޯޑު އަދަދަކަށް ވާރޭވެހި، ޖަޕާނުގެ ނަރީޓާ އެއާޕޯޓުގައި އެތައްހާސް ބަޔަކު ތާށިވެ 4 މީހަކު މަރުވެއްޖެ

ޖަޕާނުގެ ޓޯކިޔޯގައި އޮންނަ ނަރީޓާ އެއާޕޯޓްގައި މީހުން ތޮއްޖެހިފައި ---- ފޮޓޯ: ރޮއިޓާސް
ޖަޕާނުގެ ޓޯކިޔޯގައި އޮންނަ ނަރީޓާ އެއާޕޯޓްގައި މީހުން ތޮއްޖެހިފައި ---- ފޮޓޯ: ރޮއިޓާސް

ހުކުރު ދުވަހުގެ ހެނދުނު ރެކޯޑް މިންވަރަކަށް ބޯކޮށް ވާރޭވެހި ޖަޕާނުގެ ޓޯކިޔޯގެ ނަރީޓާ އެއާޕޯޓުގައި އެތައް ހާސް ފަސިންޖަރުންނެއް ތާށިވެ 4 މީހަކު މަރުވެއްޖެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ އިންވެގެން އޮންނަ ޗީބާ ޕްރިފެކްޗަރ އަށް 24 ގަޑިއިރުގެ ތެރޭގައި 360 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. މިއާއެކު މަގުތަކުގައާއި ރޭލު ދަތުރުކުރާ މަގުތަކުގައި ފެންބޮޑުވެ، ޖަޕާނުގެ އެންމެ ބާރުބޮޑު އެއް ޗުއްޓީ ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް 25،000 ގޭބިސީއަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ފެންގަނޑުގެ އަޑިއަށް ދިޔަ ކާރެއްގެ ތެރޭގައި ތާށިވި މީހަކުވެސް ހިމެނެއެވެ. އަދި މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ހުކުރު ދުވަހުގެ ހެނދުނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީބާގެ ގަވަރުނަރު ޓޮޝިހިޓޯ ކުމަގައި ވިދާޅުވީ، މިއީ ޖަޕާނުގެ ތާރީޚީ މޫސުމީ މިންގަނޑުތަކަށް ބެލިކަމުގައި ވިޔަސް ވަރަށް އާދަޔާޚިލާފު ހާލަތެއް ކަމަށެވެ. އަދި މީގެ ކުރިން އެތައް ކާރިސާތަކަކާ ކުރިމަތިލައްވާފައިވީ ނަމަވެސް، މިފަދަ ހާލަތެއް މީގެ ކުރިން ތަޖުރިބާކުރައްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރަށް އެރި ބުރޫތަކުގެ ސަބަބުން ނަރީޓާ އެއާޕޯޓުގައި ގާތްގަނޑަކަށް 7،000 މީހުން ތާށިވެފައި ތިބިކަމަށް އެ އެއާޕޯޓުގެ ތަރުޖަމާނަކު ވިދާޅުވިއެވެ. ނަމަވެސް ހުކުރު ދުވަހުގެ ފްލައިޓުތައް އާއްމު އުސޫލުން އޮޕަރޭޓްކުރާނެ ކަމަށް ވަނީ ޝެޑިއުލްކޮށްފައެވެ. ޖަޕާން އެއާލައިންސް އިން ބުނެފައިވަނީ ބައެއް ފްލައިޓުތައް ލަސްވުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އެއްވެސް ފްލައިޓެއް ކެންސަލްވާނެ ކަމަށް މިވަގުތު ލަފާނުކުރެވޭ ކަމަށެވެ.

ޖަޕާނުގެ މައި ބައިނަލްއަޤްވާމީ އެއް ޓްރާންސްޕޯޓް ހަބް ކަމަށްވާ ނަރީޓާ އެއާޕޯޓާއި މެދުތެރޭ ޓޯކިޔޯ ގުޅުވައިދޭ މަގުތައް ހިމެނޭހެން ޗީބާގެ ބޮޑެތި ހައިވޭތައް ވަނީ ބަންދުކޮށްފައެވެ.

ހައިވޭ އޮޕަރޭޓަރު ނެކްސްކޯ އީސްޓުން ބުނި ގޮތުގައި މީގެ ސަބަބުން ދުއްވާ މީހުންނަށް އެހެން މަގުތައް ޚިޔާރުކުރަން މަޖުބޫރުވެ، ޓްރެފިކް ވަރަށް ބޮޑަށް ވަނީ ތޮއްޖެހިފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހެނދުނު ރޭލުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް، ނަރީޓާ އާއި ޓޯކިޔޯ ގުޅުވައިދޭ ބައެއް ރޭލުތަކުގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ.