ހުރްމޫޒް ކަނޑުއޮޅީގައި ޔޫއޭއީގެ ތެޔޮ އުފުލާ ދެ ބޯޓަކަށް އީރާނުން ހަމަލާދީފި
އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) ގެ ދެ ބޯޓަކަށް ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ހަމަލާދީފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ މި ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށް ތުހުމަތުކޮށްފައެވެ.
މިއީ ހަފްތާއެއް ނުވަނީސް އެޑްނޮކްގެ ބޯޓުތަކަށް އަމާޒުކޮށް ދިން މިފަދަ ދެވަނަ ހަމަލާއެވެ. ހޮނިހިރު ދުވަހުވެސް ކަނޑުއޮޅި ހުރަސްކުރަނިކޮށް ސަރުކާރުގެ ތެޔޮ ކުންފުންޏާ ގުޅުންހުރި ބޯޓަކަށް އީރާނުން ހަމަލާދީފައިވާކަމަށް ބުނެ ޔޫއޭއީ އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
Ads by BMLޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ (ވަމް) އާ ހަވާލާދީ އެޑްނޮކް އިން ބުނެފައިވަނީ މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ވަނީ އެޑްނޮކްގެ ދެ ބޯޓަށް ދިން ހަމަލާއަކީ "އީރާނުގެ ޢުދުވާނީ ހަމަލާއެއް" ކަމަށް ސިފަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ހިންގާފައިވަނީ "ކަނޑުފޭރުމުގެ އަމަލުތަކެއް" ކަމަށާއި، ކަނޑުއޮޅީގެ ބޭނުންކޮށްގެން އިޤުތިޞާދީގޮތުން ފިއްތުންތައް ކުރިމަތިކޮށް ބްލެކްމެއިލް ކުރަމުންދާކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މިއީ ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ސަލާމަތަށް އޮތް ސީދާ ނުރައްކަލެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ނަމަވެސް ބޯޓުތަކާ ގުޅޭގޮތުންނާއި، އޭގައި ހުރި މުދަލާއި އަދި ލިބުނު ގެއްލުމެއްގެ އެއްވެސް ތަފްސީލެއް ވަމް އިން ވެސް އަދި ޚާރިޖީ ވުޒާރާއިންވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ނުވަތަ ރިވޮލިއުޝަނަރީ ގާޑުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޮމާނާއި އީރާނާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަކީ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރި މުހިންމު މަގެވެ. ނަމަވެސް ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ކަނޑުދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. މީގެ ސަބަބުން މުދާ އުފުލާ އަގުތައް ބޮޑުވެ، ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
އީރާނާ ދެކޮޅު ފަރާތްތަކާ ގުޅުންހުރި ބޯޓުތަކަށާއި، އީރާނުގެ އެންގުންތަކަށް ބޯނުލަނބާ ބޯޓުތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މީގެ ކުރިންވެސް ވަނީ ދީފައެވެ.
ހުކުރު ދުވަހު އެޑްނޮކް އިން ބުނީ އެކުންފުނީގެ މުވައްޒަފުންނާއި މުދަލަށް އަމާޒުކޮށް އެއްވެސް ސަބަބަކާނުލައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި އުނދަގޫ ހާލަތުގައިވެސް ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.
އަބޫދާބީގެ ސަރުކާރުގެ ތެޔޮ ކުންފުނި، އެޑްނޮކް އަކީ މުޅި ދުނިޔޭގައިވެސް އެންމެ ފުޅާދާއިރާއެއްގައި ސާފުނުކުރާ ތެލާއި، ގުދުރަތީ ގޭސް އަދި ސާފުކޮށްފައިވާ ތެލުގެ ބާވަތްތައް އުފައްދައި އެކްސްޕޯޓުކުރާ އެއް ކުންފުންޏެވެ.
Ads by MACL
