ސައޫދީގެ އަރާމްކޯގެ ވަސީލަތަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ހޫޘީން ބުނެފި
ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ނަޖްރާން ސަރަހައްދުގައިވާ ސައޫދީ އަރާމްކޯ ކުންފުނީގެ ތެޔޮ ވަސީލަތަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ.
ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަބާ ނިއުސް އޭޖެންސީން އަސްކަރީ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ ޔަމަނުގެ ސާދާ ގަވަރނަރޭޓުގެ އިރުއުތުރު ސަރަހައްދުގެ ވައިގެ ސަރަހައްދަށް ސައޫދީގެ އަސްކަރީ މަތިންދާބޯޓުތައް ވަދެ، ޔަމަނުގެ ސިޔާދަތަށް އަރައިގަތުމާ ގުޅިގެން ދިން ރައްދު ހަމަލާއެކެވެ.
ނަމަވެސް، މި ހަމަލާއާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާގެ ކަމާބޭހޭ ފަރާތްތަކުން ނުވަތަ ސައޫދީ އަރާމްކޯ ކުންފުނިން މިކަން ކަށަވަރުކޮށްދީފައެއްނުވެއެވެ. އަދި މި ހަމަލާގައި އަރާމްކޯގެ ވަސީލަތަށް ސީދާ އަމާޒުވެ ގެއްލުމެއް ލިބިފައިވޭތޯ ނުވަތަ ނޫންތޯވެސް އަދި ސާފެއް ނުވެއެވެ.
Ads by BMLމި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ. ފާއިތުވި ދުވަސްތަކުގައި ދެފަރާތުގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، ސައޫދީގެ އުޅަނދުފަހަރާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.
ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި، ސައޫދީ އިސްވެއޮންނަ ކޯލިޝަނުން ދަނީ ޔަމަނުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއިން އިސްނަގައިގެން ވެވުނު ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ދެފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރުން މަދުވެފައި އޮތުމަށްފަހު އަލުން މަސްރަހު ގޯސްވާން މިވަނީ ފަށާފައެވެ.
Ads by MACL
