ފަލަސްތީނު މީހަކަށް އަނިޔާކޮށްފައިވާ ފޮޓޯއެއް ލީކްކުރި ސިފައިންނަށް ފިޔަވަޅު އަޅައިފި
އިސްރާއީލުގެ ޖަލެއްގައި ރަހީނުކޮށްފައިވާ ފަލަސްތީނުގެ މީހަކު އެނދެއްގައި ބަނދެ އަނިޔާކުރުމަށްފަހު އެ މަންޒަރު ފޮޓޯނަގައި މީސްމީޑިއާގައި އާންމުކުރި އިސްރާއީލުގެ ފަސް ސިފައިންނަށް ފަސް ދުވަހާއި ސާދަ ދުވަހާ ދެމެދުގެ ކުރު މުއްދަތުގެ އަދަބެއް އިސްރާއީލުގެ އަސްކަރިއްޔާއިން ދީފިއެވެ.
މި މައްސަލައަކީ އިސްރާއީލު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ މީހަކު އެނދެއްގައި ބަނދެ، އޭނާގެ ފަހަތުގައި ލަކުޑިބުރިއެއް ހަރުކޮށް، މޫނު ނިވާކޮށްފައިވަނިކޮށް ފޮޓޯނަގައި އިންސްޓަގްރާމްގައި އާންމުކުރުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އެ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އަނިޔާލިބުނު ފަލަސްތީނު މީހާއަކީ ކާކުކަމެއް އަދި އޭނާ ބަންދުކޮށްފައިވަނީ ކޮން ތަނެއްގައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން އެ ސިފައިންގެ ކޮމާންޑަރު މަގާމުން ވަކިކޮށް އެހެން ވަޒީފާއަކަށް ބަދަލުކޮށްފައިވާއިރު، އަނިޔާވެރިކޮށް ބެނދި ސިފައިންގެ މީހާއަށާއި ފޮޓޯނެގި ސިފައިންގެ މީހާއަށް ދީފައިވަނީ ފަސް ދުވަހުގެ އަސްކަރީ ޖަލު ހުކުމެކެވެ.
މީގެ އިތުރުން އެހެން ސިފައިންގެ މީހަކު ސާދަ ދުވަހަށް ބޭސްގައި ބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު، މި ކަމުގައި ބައިވެރިވި އިތުރު ދެ ސިފައިންގެ މީހަކަށް ދޭނެ އަދަބެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ފަލަސްތީނުގެ ދެ މަންމައަކު ވަނީ ފޮޓޯއިން ފެންނަ މީހާއަކީ އެ މީހުންގެ ގެއްލިފައިވާ ދަރިފުޅުކަމަށް ބުނެ، އެ މީހުންގެ ކަންބޮޑުވުންތައް މީޑިއާތަކަށް ހިއްސާކޮށްފައެވެ.
ފަލަސްތީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނެފައިވަނީ އިސްރާއީލުގެ ބަންދުގައި ތިބޭ ފަލަސްތީނު މީހުންނާ ބައްދަލުކުރުމަށް ގާނޫނީ ވަކީލުންނަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އެ ކަންކަމަށް ވަގުތު ނަގާ ކަމަށެވެ.
އެ ސިފައިންނަށް އަދަބަކަށްނުވާ ވަރުގެ އަދަބެއް ދިނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ.
Ads by MACL
