ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި ސިފައިން ހޭދަކުރި މުއްދަތު އަދި ނުފުދޭ: ޓްރަމްޕް

ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި ސިފައިން ހޭދަކުރި މުއްދަތު އަދި ނުފުދޭ: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި އެމެރިކާގެ ސިފައިން ހޭދަކުރި 260 އަށް ވުރެ ގިނަ ދުވަހުގެ ދިގު މުއްދަތަކީ އަދި ނުފުދޭ ކުރު މުއްދަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެ މަނަވަރުގައި ތިބި ސިފައިންގެ ނަފްސާނީ ހާލަތާއި، ދިރިއުޅުމުގެ ކަންކަން ގޯސްވަމުންދާކަމަށް ބުނެ ސިފައިންގެ އާއިލާތަކުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނިއުޔޯކަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން، މަނަވަރު ކަނޑުމަތީގައި އަށް މަހާއި ބައި ވަންދެން އޮތުމަކީ މާ ދިގު މުއްދަތެއްތޯ ނޫސްވެރިއަކު އެހުމުން ޓްރަމްޕް ބުނީ "ނޫން، ނޫން، ނޫން. އަދި ކައިރިވެސް ނުކުރޭ" ކަމަށެވެ.

މީގެ އިތުރުން އެ މަނަވަރު މިހާރު ނުވަތަ ވަރަށް އަވަހަށް އެހެން ދިމާއަކަށް ދަތުރުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ހަމަ އެކަހަލަ އެހެން މަނަވަރެއް އެ ސަރަހައްދަށް ފޮނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަބްރަހަމް ލިންކަން މަނަވަރު އެންމެ ފުރަތަމަ ފުރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސެން ޑިއޭގޯގެ ބަނދަރުންނެވެ. އޭގެ ފަހުން އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އެ މަނަވަރު ވަނީ މެދުއިރުމައްޗަށް ފޮނުވާފައެވެ.

ގާތްގަނޑަކަށް 5،000 އެއްހާ ސެއިލަރުންނާއި މެރިންސް ތިބި މި މަނަވަރު ފާއިތުވި 200 އަށް ވުރެ ގިނަ ދުވަހު އެއްވެސް ބަނދަރަކަށް މަޑުކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގެ ޑިމޮކްރެޓިކް މެމްބަރު ސެނެޓަރު ރިޗާޑް ބްލޫމެންތޯލް ބުނާ ގޮތުގައި މިއީ ޖެހިޖެހިގެން އެންމެ ގިނަ ދުވަހު ކަނޑުމަތީގައި މަނަވަރެއް އޮތުމުގެ ޒަމާނީ ރެކޯޑެކެވެ.

މަނަވަރުގައި ތިބި ސިފައިންނަށް ދިމާވެފައިވާ ސަޕްލައިގެ ދަތިކަމާއި، ދިރިއުޅުމުގެ ހާލަތާއި، އަދި ނަފްސާނީ މައްސަލަތަކާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންތަކެއް އަންނަނީ ކަމާބެހޭ ފަރާތްތަކާ ސުވާލުކުރަމުންނެވެ.

އެހެންނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ބުރާސްފަތި ދުވަހު މި ވާހަކަތަކަށް ރައްދުދީ، މަނަވަރުގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓުތަކަކީ "އޮޅޭގޮތަށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް" ކަމަށް ބުނެފައެވެ.