ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ފަލަސްޠީނުގެ 35 މީހުން މިނިވަންކޮށް ޣައްޒާއަށް ފޮނުވާލައިފި

އިސްރާއީލުން ފަލަސްޠީނުގެ 35 މީހުން މިނިވަންކޮށް ޣައްޒާއަށް ފޮނުވާލައިފި

އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ 35 މީހަކު މިނިވަންކޮށް އެނބުރި ޣައްޒާއަށް ފޮނުވާލައިފިއެވެ.

މި މީހުން މިނިވަންކޮށް ޣައްޒާއަށް ފޯރުމާއެކު، އެމީހުންގެ އާއިލާތަކާއި ގާތްތިމާގެ މީހުންނާ ބައްދަލުވެފައިވާއިރު، އެ ސަރަޙައްދުން ވަރަށް އަސަރުގަދަ މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މި މީހުން ދޫކޮށްލި ނަމަވެސް، މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 9،400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖަލުތަކާއި ހައްޔަރުކުރާ މަރުކަޒުތަކުގައި ފަލަސްޠީނު މީހުންނަށް އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމުގެ އިތުރުން ގަސްތުގައި ބަނޑަށްޖެއްސުން ފަދަ ލާއިންސާނީ ޢަމަލުތައް އެ ޤައުމުގެ ސިފައިން ދަނީ ހިންގަމުންނެވެ.

މި މީހުން ދޫކޮށްލާފައި މިވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގެ ތެރެއިން އެއްވެސް ކުށަކާ ނުލައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ހައްޔަރުކޮށް، އެތައް ދުވަހެއް ވަންދެން ބަންދުގައި ބައިތިއްބަމުންދާ ދަނޑިވަޅެއްގައެވެ.

ގިނަ ފަހަރަށް އިސްރާއީލުން މިގޮތަށް މީހުން ދޫކޮށްލަނީ އެއްވެސް ކުށެއް ސާބިތު ނުކުރެވި، އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިނުމަށް ފަހުގައެވެ.