ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގެ ފައްޅީއެއްގައި ކަރަންޓް ހޮޅިދަނޑިއެއް ވެއްޓި ހަތްމީހުން މަރުވެއްޖެ

އިންޑިއާގެ ފައްޅީއެއްގައި ކަރަންޓް ހޮޅިދަނޑިއެއް ވެއްޓި ހަތްމީހުން މަރުވެއްޖެ

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ބިހާރުގެ ލާކިސަރާއީގައި ހުންނަ އަޝޯކް ދާމް ފައްޅީގައި ކަރަންޓު ހޮޅިދަނޑިއެއް ވެއްޓި މީހުންގެ ގަޔަށް ކަރަންޓު އައުމުން އުފެދުނު ސިހުމާއި ފިތިބާރުވުމުގެ ތެރޭގައި މަދުވެގެން ހަތް މީހުން މަރުވެ، ބާރައަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން އިސް ފުލުހެއް ކަމަށްވާ ޝިވަމް ކުމާރު އޭއެންއައި ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނީ، މީހުން ފިތިބާރުވާން މެދުވެރިވީ ކަރަންޓު ހޮޅިދަނޑި ވެއްޓި ކަރަންޓުގައި ޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ޔަގީންކޮށް ބުނަން އެނގޭނީ ހުރިހާ ކަމެއް ތަހުގީގުކޮށް ބެލުމަށްފަހު ކަމަށް އޭނާ ބުނެފައިވެއެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިންދޫންގެ ކަލާނގެއެއް ކަމަށްވާ ޝިވާއަށް ފެން ހުށަހެޅުމަށް 'ޝްރާވަން' ގެ މުޤައްދަސް މަހުގައި އެ ފައްޅިއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ އުޅުމުގެ ތެރޭގައެވެ.

މަދަނީ އޮފިޝަލެއް ކަމަށްވާ ޝައިލެންދުރަ ކުމާރު އާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އަނިޔާވި ބާރައަށްވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. އަދި މީހުން ސަލާމަތްކުރާ ފަރާތްތަކުން އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމާއެކު، އެ މީހުންގެ އާއިލާތައް ހޮސްޕިޓަލަށް ޖަމާވަމުންދާ މަންޒަރު އޭއެންއައި އިން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ.

ބިހާރުގެ ޗީފް މިނިސްޓަރު ސަމްރާޓް ޗައުދަރީ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ލާކިސަރާއީގެ އަޝޯކް ދާމްގައި ހިނގި ހާދިސާއަކީ ވަރަށް ހިތާމަވެރި އަދި ހިތްދަތި ހާދިސާއެއް ކަމަށެވެ. މީގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރަމުން، އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިންޑިއާގައި މީގެ ކުރިންވެސް ގިނަ މީހުން ޖަމާވާ ތަންތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ފާއިތުވި އަހަރު ބޭއްވި 'މަހާ ކުމްބް' ފެސްޓިވަލުގައި، މުޤައްދަސް ފެންގަނޑަކަށް އެރުމަށް ދިހަވަރަކަށް މިލިއަން މީހުން ޖަމާވި ވަގުތު ހިނގި ހާދިސާއެއްގައި ތިރީހަކަށް މީހުން ވަނީ މަރުވެފައެވެ.