ހަމަލާތައް ހުއްޓާލުމަށް އިއުލާނުކުރި ފަހުން ޣައްޒާގައި 270 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި
އެމެރިކާއިން ބައިވެރިވެގެން ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އިއުލާނުކުރި ފަހުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 270 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް 16 އާ ހަމައަށް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 272 ކުޑަކުދިން ޝަހީދުވެ، 1,174 ކުދިން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން މިއަދަދުގެ ތެރޭގައި 135 އަންހެނުންނާއި 39 އުމުރުން ދުވަސްވީ މީހުންގެ އިތުރުން 819 ފިރިހެނުން ހިމެނެއެވެ.
ފާއިތުވި އޮކްޓޫބަރު މަހު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި 1,266 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. މުޅި ޖުމްލަ ޝަހީދުވި މީހުންގެ 21.5 އިންސައްތައަކީ ކުޑަކުދިންނެވެ.
Ads by BMLއިސްރާއީލުގެ ހަމަލާތައް އަމާޒުވަމުންދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، މާރުކޭޓުތަކަށާއި، އުޅަނދުފަހަރާއި ކެފޭތަކަށެވެ. ބައެއް ހާލަތްތަކުގައި ގެދޮރު ދޫކޮށް ދިއުމަށް އަންގާ އެންގުންތައް ލިބެނީ ބޮން އަޅަން މަދު މިނެޓުކޮޅަކަށް ވެފައިވަނިކޮށެވެ. އަދި ގިނަ ހާލަތްތަކުގައި އެއްވެސް އިންޒާރެއްނެތި ހަމަލާތައް ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އދ. ގޭ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޯލްކާ ތާކް ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. މީހުން މެރުމުގެ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށްދިއުމުން ދޭހަވަނީ އިސްރާއީލަށް ލިބިފައިވާ ފުރިހަމަ އިމްތިޔާޒާއި މިނިވަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން މަރަމުންދަނީ އެމީހުން ދިރިއުޅޭ ގެތަކާއި، ހިޔާވަހިކަން ހޯދައިގެން ތިބި ފެންޓްތަކާއި، މަގުމައްޗާއި މެޑިކަލް މަރުކަޒުތަކުގެ އިތުރުން ކްލާސްރޫމްތަކުގައި ކަމަށްވެސް ވޯލްކާ ތާކް ފާހަގަކުރެއްވިއެވެ. މެޑިކަލް އެއިޑް ފޯ ޕެލެސްޓައިނިއަންސްގެ ޣައްޒާގެ ޑިރެކްޓަރު ފިކްރް ޝަލްތޫތު ވިދާޅުވީ އެންމެ ގޯސް ހާލަތް ނިމުމަކަށް އައިސްފިކަމަށް ބުނެވުނު ނަމަވެސް އެތައް ހާސް ބަޔަކު އަދިވެސް ދަނީ އެމީހުންގެ ލޯބިވާ މީހުން ވަޅުލަމުން ކަމަށެވެ.
އދ. ގޭ މިނިވަން ކޮމިޝަން އޮފް އިންކުއަރީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ގަސްދުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންދާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ބައެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ސިފަކޮށްފައެވެ.
އދ. ގޭ ކުޑަކުދިންނާ ބެހޭ އެޖެންސީ (ޔުނިސެފް) އިން ބުނެފައިވަނީ ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރި ފަހުން 300 ދުވަހުގެ ތެރޭގައި މަދުވެގެން 300 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ. އެއީ އެވްރެޖްކޮށް ދުވާލަކު ކުއްޖެކެވެ. މީގެ އިތުރުން އެތައް ސަތޭކަ ކުދިންނެއް ވަނީ ނުރައްކާތެރި ބޮޑެތި އަނިޔާތަކާއެކު ޒަޚަމްވެފައެވެ.
ޔުނިސެފްގެ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާގެ ރީޖަނަލް ޑިރެކްޓަރު އެޑުއާޑް ބެއިގްބެޑާ ވިދާޅުވީ ކޮންމެ ދުވާލަކު ކުއްޖަކު ޝަހީދުވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ކުޑަކުދިން ހިމާޔަތްކުރުމުގައި ނާކާމިޔާބުވެފައިވާ އެއްބަސްވުމެއް ކަމަށެވެ. ޣައްޒާގެ ކުޑަކުދިން އަދިވެސް ތިބީ އެކުދިންނަށް ވެފައިވާ ވައުދާ އެއްގޮތަށް އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އޮގަސްޓް 2 ވަނަ ދުވަހު ހުޅަނގު ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި ބަނޑުބޮޑު އަންހެނަކާއި އޭނާގެ ފިރިމީހާގެ އިތުރުން ފަސް އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ޝަހީދުވެފައެވެ. މީހުން ހޯދަމުންދާ ސަރަހައްދުގެ ރައްޔިތުން ވަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން އުފަންނުވާ ތުއްތު ކުއްޖެއްގެ ހަށިގަނޑުގެ ބައިތައް ނެރެފައެވެ.
އެމްއެސްއެފްއިން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމަށް 1,000 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ސަޒާ އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. ހަމަލާތައް ހުއްޓާލާފައިވާ ކަމަށް ބުނާ ދަނޑިވަޅެއްގައިވެސް ފަލަސްތީނު ރައްޔިތުން މަރުވަމުންދާ މަންޒަރު މުޅި ދުނިޔެއަށް ވަނީ އާންމުވެފައެވެ. މިއީ ހަމަލާތައް ހުއްޓާލެވިފައިވާ ހާލަތެއް ނޫން ކަމަށް އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.
Ads by MACL
