ގައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ހާލުގައި: ވަގުތީ ޓެންޓުތައް ހަލާކުވެ ބޮޑު އިންސާނީ ކާރިސާއަކާ ކުރިމަތިވަނީ
ގައްޒާގައި ހާލުގައިޖެހިފައިވާ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ، އެ ސަރަހައްދުގެ ހާލަތު އިންތިހާއަށް ގޯސްވެ ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވަމުންދާ ކަމަށް ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.
ގައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2.15 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ބޭނުންކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ ވަގުތީ ޓެންޓުތަކެއްގައެވެ. އަދި ފިނީގެ މޫސުން ކުރިމަތިވަމުންދާއިރު، ޓެންޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ރައްކާތެރި ޓެންޓާއި، ހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ ސާމާނު ގައްޒާއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް އިސްރާއީލަށް މަޖުބޫރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.
މި ނުރައްކާތެރި ހާލަތު ކުރިމަތިވެފައިވަނީ ގައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާގެ ސާމާނު އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ މީޑިއާ އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ގައްޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ހަލާކުކޮށްލާފައެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުންތައް އިއާދަކުރުމަށް 70 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކުރެވެއެވެ.
Ads by BMLނޯވޭޖިއަން ރެފިއުޖީ ކައުންސިލުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 52،000 އާއިލާއެއް އުޅެމުންދަނީ ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގައެވެ. އަދި 850،000 މީހުންނަށް ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ނުލިބޭކަން ވަނީ ހާމަވެފައެވެ. އެ ޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކަމެއް ނޫން ކަމަށާއި، މިއީ ގަސްދުގައި ސާމާނު އެތެރެކުރުން ހުއްޓުވުމުގެ ނަތީޖާއެކެވެ.
ހޫނު މޫސުމުގައި ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާހޯދާ މީހުންގެ ސިއްހީ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. މީގެ އިތުރުން ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ނިވާކަން ނުލިބުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
ނޯވޭޖިއަން ރެފިއުޖީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޔާން އެގްލަންޑް ވިދާޅުވީ، ގައްޒާގެ އާއިލާތަކަށް އެހީތެރިވުމުގެ ގާބިލުކަން އެހީދޭ ޖަމްއިއްޔާތަކުގައި ހުރި ނަމަވެސް، އިސްރާއީލުން ތަކެތި އެތެރެކުރުމަށް ހުރަސްއަޅާތީ އެހީތެރިކަން ފޯރުކޮށްނުދެވޭ ކަމަށެވެ. އެހެންކަމުން ވަގުތުން ވަގުތަށް ހިޔާވަހިކަމުގެ ސާމާނު ގައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ވޭތުވެދިޔަ ފިނީގެ މޫސުމުގައިވެސް ގައްޒާގައި ޖަހާފައިވި 127،000އަށްވުރެ ގިނަ ފެންޓު ވަނީ ވިއްސާރައާއި ވަޔާއެކު ހަލާކުވެގެން ގޮސްފައެވެ. މީގެ ސަބަބުން 250،000އަށްވުރެ ގިނަ މީހުން ހާލުގައިޖެހުނު ކަމަށް ގައްޒާގެ ސިވިލް ޑިފެންސުން މަޢުލޫމާތުދެއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ގައްޒާއިން ގިނަ އަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ. އަދި ސުލްހައިގެ އެއްބަސްވުމާ ހިލާފަށް، ދުވަހަކު އެތެރެކުރަންޖެހޭ ސައިކަލުތަކާއި އެހީގެ އުޅަނދުފަހަރު ގައްޒާއަށް އެތެރެވުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.
ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް އިބްރާހީމް އަލް-ޘަވާބިތާ ވިދާޅުވީ، އެހީގެ ސާމާނު ހުއްޓުވުމުގެ ސަބަބުން ކުރިމަތިވާ އިންސާނީ ކާރިސާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ މުޅިން ހިލާފު އަމަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިސްރާއީލުން ވަނީ ގައްޒާއާއި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ތިރީސް ހަތެއް އެހީދޭ ޖަމްއިއްޔާއެއްގެ ހަރަކާތްތައް މަނާކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ގައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އެކުވެނިވި އަމުންގެ އިންސާނީ ހައްގުތަކާ ބެހޭ މަތީ ކޮމިޝަނަރު ފޯލްކާ ތާކް ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ، އާންމު ރައްޔިތުން މެރުން ސިލްސިލާކޮށް ކުރިއަށްދަނީ އިސްރާއީލާމެދު ފިޔަވަޅުު ނޭޅޭތީ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ގައްޒާގެ ގިނަ އަދަދެއްގެ އާއިލާތަކެއްގެ ގެދޮރު ގެއްލިފައިވާއިރު، އެހީދޭ ޖަމްއިއްޔާތަކުން ދަނީ ވަގުތުން ވަގުތަށް ގައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމުގެ ފުރުސަތު ދިނުމަށް މުޅި ދުނިޔެއަށް ގޮވާލަމުންނެވެ.
Ads by MACL
