ފަލަސްތީނުގެ ރައްޔިތުން ދަންޖެހުމަށް ޚާއްސަ ސަރަޙައްދެއް ބިނާކުރަމުންދާކަން ޔަހޫދީން އިއުލާންކޮށްފި
އިސްރާއީލުގެ މެދުތެރޭގައި ހުންނަ ޖަލެއްގައި ފަލަސްތީނުގެ ގައިދީންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ދަންޖައްސާ ސަރަޙައްދަކާއި އެ މަންޒަރު ބަލަން ތިބެވޭނެ ބޫތުތަކެއް ހިމެނޭ ޚާއްސަ ވިންގެއް ބިނާކުރަމުންދާކަން އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތާމާރު ބެން-ގަވީރު އިޢުލާންކޮށްފިއެވެ.
މި އިޢުލާނާ ގުޅޭގޮތުން ބެން-ގަވީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ގައިދީންނަށް ޖަލުގައި ދެވޭ ޚިދުމަތްތައް ނިކަމެތިކޮށް، މަރުގެ އަދަބު ދިނުމުގެ ޤާނޫނު ފާސްކޮށް، ދަންޖައްސާނެ ތަނެއް ޤާއިމުކުރުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ގައިދީންނަށް ހައްޤުވަނީ ދަންޖައްސައިގެން މެރުން އެކަނި ކަމަށް ވިދާޅުވެ، އިސްރާއީލުން ތާރީޚު އާކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިސްރާއީލުގެ މެދުތެރޭގެ ޖަލެއްގައި ހަދަމުންދާ މި ސަރަޙައްދުގައި، ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ދަންޖައްސާ މަންޒަރު އަމިއްލައަށް ބަލަން ތިބެވޭނެ ބޫތުތައް ހިމެނޭނެއެވެ. އަދި އެފަދަ އާއިލާތަކަށް އެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLމި ތަންފީޒީ އޮގަނައިޒޭޝަނަށް މަގުފަހިކުރި މަރުގެ އަދަބު ދިނުމުގެ ޤާނޫނަކީ މާރިޗު މަހު އިސްރާއީލުގެ ކްނެސެޓުން ފާސްކޮށް، މޭ މަހު ހުޅަނގު އައްސޭރި ހިފާފައިވާ ސަރަޙައްދުގެ އިސްރާއީލު އަސްކަރީ ކޯޓުތަކަށް އަމަލުކުރެވޭ ގޮތަށް ފުޅާކުރެވުނު ޤާނޫނެކެވެ. މި ޤާނޫނު އަމަލުކުރަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ މައްޗަށް ޝަރީޢަތް ހިންގާ އަސްކަރީ ކޯޓުތަކުގައި ކަމަށްވާއިރު، އެ ކޯޓުތަކުގައި ކުށްވެރިވާ މިންވަރު ނުހަނު މަތިވެފައި މަދަނިއްޔަތުގެ ރައްކާތެރިކަމެއް ލިބިގެންނުވެއެވެ.
އިސްރާއީލުގެ ޢަރަބި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ މި ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ޤާނޫނުގެ ސަބަބުން ދިރިއުޅުމުގެ ހައްޤާއި، ކަރާމާތާއި، ހަމަހަމަކަމުގެ ހައްޤުތަކަށް އުނިކަން ލިބި، ފަލަސްތީނު ރައްޔިތުންނާ މެދު ނަސްލީ ތަފާތުކުރުންތައް ގެންގުޅެވެއެވެ.
މި އިޢުލާން ނެރެފައިވަނީ އިސްރާއީލުގެ އާންމު އިންތިޚާބަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ބާކީއޮއްވައި، ބެން-ގަވީރުގެ ހަރުކަށި ފިކުރުގެ ކެމްޕޭނަށް ސިޔާސީ ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްތީނުގެ ގައިދީން ދަންޖެއްސުމުގެ އިންތިޒާމުތައް ދެއްކުމަކީ، އަލުން ވެރިކަމަށް އާދެވޭނެކަމުގެ ޔަޤީންކަން އޮތުމުން ކެމްޕޭނުގައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ނުވަތަ މަޤާމުގައި ހުންނެވި ފަހު ވަގުތުކޮޅު އެޖެންޑާ ތަންފީޒުކުރުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
