ކޮވިޑް ދިރާސާތަކުގެ ލިޔެކިޔުންތައް ފޮރުވި ކަމަށް އެމެރިކާގެ ކުރީގެ އިސް ސިއްހީ މުޝީރަކު އިއުތިރާފުވެއްޖެ
ކޮވިޑް-19 ގެ ދިރާސާތަކަށް ދިން ފައިސާއާ ގުޅޭ ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލައި، އާންމު ރެކޯޑުތަކާ ބެހޭ ގާނޫނުތަކަށް ހުރަސްއެޅި ކަމަށް އެމެރިކާގެ ކުރީގެ ސީނިއާ ސިއްހީ މުޝީރު ޑޭވިޑް މޯރެންސް އެ ގައުމުގެ ފެޑެރަލް ކޯޓެއްގައި އެއްބަސްވެއްޖެއެވެ.
އެމެރިކާގެ ސިއްހީ އިދާރާގެ ކުރީގެ ވެރިޔާ އެންތަނީ ފައުޗީގެ އަރިހުގައި މަސައްކަތް ކުރި އުމުރުން 78 އަހަރުގެ މޯރެންސް ވަނީ، މެރީލޭންޑްގެ ގްރީންބެލްޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރޭވުމެއްގެ ދަށުން މި އަމަލު ހިންގި ކަމަށް އިއުތިރާފުވެފައެވެ. މި މައްސަލައިގެ ހުކުމް އިއްވުން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އޭނާގެ މައްޗަށް ގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މޯރެންސްގެ ގާނޫނީ ވަކީލު ޓިމޮތީ ބެލެވެޓްޒް ވިދާޅުވީ، ކުށަށް އިއުތިރާފުވުމަކީ އޭނާ ކުރި ކަންތައްތަކުގެ ފުރިހަމަ ޒިންމާ ނެގުން ކަމަށެވެ. މޯރެންސްގެ މައްޗަށް ދައުވާ އުފުލީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާންމުން ހޯދަން އެދުނު ކޮވިޑާ ގުޅޭ ރެކޯޑުތައް ގަސްދުގައި ފޮރުވަން އުޅުނު މައްސަލައިގައެވެ.
Ads by BMLމި މައްސަލަ ފެންމަތިވީ، ޗައިނާގެ ވޫހާން ލެބޯޓްރީން ވައިރަސް ލީކުވި ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން، އެ ތަނަށް ފައިސާ ފޯރުކޮށްދިން އެމެރިކާގެ ކުންފުންޏަކަށް ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އިން ދެމުންދިޔަ އެހީ ހުއްޓާލުމުންނެވެ. އެހީ އަލުން ހޯދައިދިނުމަށާއި ލެބުން ވައިރަސް ލީކުވި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކުރުމަށް މޯރެންސް ވަނީ މަސައްކަތް ކޮށްފައެވެ.
އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މުއާމަލާތްތައް ފަޅާއަރައިދާނެތީ، ސަރުކާރުގެ ރަސްމީ އީމެއިލް އެކައުންޓްގެ ބަދަލުގައި އަމިއްލަ ޒާތީ އީމެއިލް ބޭނުންކުރުމަށް މޯރެންސް އާއި އެހެން ބަޔަކު އެއްބަސްވެފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މޯރެންސްގެ އިސްވެރިޔާގެ ގޮތުގައި 38 އަހަރު ހުރި އެންތަނީ ފައުޗީ ވަނީ މިދިޔަ މަހު އެމެރިކާގެ ސެނެޓް ކޮމިޓީއަކަށް ހާޒިރުވެ، އޭނާއާ ދެކޮޅަށް ހެކިބަސް ނުދިނުމުގެ ހައްގުގެ ބޭނުން ހިފުމުގެ އިތުރުން، އޭނާ ޖަލަށްލުމަށް ސެނެޓަރު ރޭންޑް ޕޯލް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ކޮވިޑް-19 ފެށުނު ގޮތާމެދު އަދިވެސް އެމެރިކާގެ އިދާރާތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. އެފްބީއައި އާއި ސީއައިއޭ އިން ވޫހާންގެ ލެބަކުން ވައިރަސް ލީކުވި ކަމަށް ބުރަވި ނަމަވެސް، ޗައިނާއިން އެކަން ދޮގުކުރެއެވެ. އަދި އެމެރިކާގެ ޖާސޫސީ އެހެން ހަތަރު އިދާރާއަކުން ބުރަވަނީ މި ވައިރަސް އުފެދުނީ ޖަނަވާރުންގެ ޒަރީއާއިން ގުދުރަތީ ގޮތުން ކަމަށެވެ.
Ads by MACL
