ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ އީ-1 މަޝްރޫޢު ޔޫރަޕުގެ 4 ޤައުމަކުން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރީގެ އީވަން1 ސަރަޙައްދު ---
ހުޅަނގު އައްސޭރީގެ އީވަން1 ސަރަޙައްދު ---

އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އީ-1 (E1) ސަރަޙައްދުގައި ޔަހޫދީ ވަޒަންވެރިންނަށް ޚާއްޞަކޮށްގެން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢަށް ބިޑް ހުށަހެޅުމަށް ހުޅުވާލުމާ ގުޅިގެން އިނގިރޭސިވިލާތާއި، އިޓަލީ، ފްރާންސް އަދި ޖަރުމަނުވިލާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހަތަރު ޤައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ހުޅަނގު އައްސޭރި ދެބައިވެ، ފަލަސްޠީނުގެ ބިންތައް އެކަތިގަނޑެއްގެ ގޮތުގައި ގުޅިފައި އޮތުމަށް ހުރަސްއެޅި، ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ޤަވާޢިދާ ޚިލާފަށް ހަދަމުންދާ ވަޒަންވެރިންގެ އާބާދީތައް ފުޅާކުރުމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަބަދުވެސް އަޑުއުފުލަމުންދާ ކަމަށާއި، މިކަމާ ގުޅޭ ކަންބޮޑުވުންތައް އިސްރާއީލާ ސިއްރިއްޔާތުގައާއި ފާޅުގައިވެސް ތަކުރާރުކޮށް ހިއްސާކޮށްފައިވާނެ ކަމަށް އެ ޤައުމުތަކުން ފާހަގަކުރިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ޤާއިމުކުރާ ކޮންމެ ވަޒަންވެރި އާބާދީއަކީ ޣައިރު ޤާނޫނީ އަމަލެއް ކަމަށާއި، އދ. ގެ ސަލާމަތީ މަޖިލީހުންވެސް މި ނިންމުން ތަކުރާރުކޮށް ކަށަވަރުކޮށްދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޔޫރަޕުގެ މި ހަތަރު ޤައުމުން ވަނީ ހުޅަނގު އައްސޭރީގައި އާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުވެފައިވާތީއާއި، ފަލަސްޠީނުގެ އިޤްތިޞާދަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލުން ފަށާފައިވާ މި މަޝްރޫޢު ވަގުތުން ހުއްޓާލައި، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެގެން ވަޒަންވެރިކުރުން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް އެ ޤައުމުތަކުން ވަނީ ގޮވާލާފައެވެ. މީގެއިތުރުން، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ސުލްޙައަށް އެޅޭ ހުރަހުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލުގެ މަޤާމު އިތުރަށް ދަށަށްދާނެ ކަމަށްވެސް އެ ޤައުމުތަކުން އިންޒާރުދިނެވެ.

މި މަޝްރޫޢާ ގުޅޭ އިމާރާތްކުރުމުގެ ބިޑްތަކުގައި ބައިވެރިނުވުމަށް އެކި ވިޔަފާރި ކުންފުނިތަކަށް އިލްތިމާސްކުރަމުން އެ ޤައުމުތަކުން ބުނީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލަކަށްވާތީ، މިފަދަ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުނިތަކަށް ޤާނޫނީ ގޮތުންނާއި އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އިނގިރޭސިވިލާތް، އިޓަލީ، ފްރާންސް އަދި ޖަރުމަނުވިލާތުން ވަނީ ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ، އިންޞާފުވެރި އަދި ދެމެހެއްޓެނިވި ޞުލްޙައެއް ހޯދުމަށް އެ ޤައުމުތަކުން ދޭ އެއްބާރުލުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަލުން ދީފައެވެ.