ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސިއްހީ ހާލަތު ދަށަށް ދިއުމުން، އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކޮށްފި

އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރީ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކުއްލި ފަރުވާއަށް ----
އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރީ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކުއްލި ފަރުވާއަށް ----

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތު ސީރިއަސް ދަރަޖައަކަށް ގޯސްވަމުން ދާތީ، އެގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކުއްލި ފަރުވާއަށް އެމަނިކުފާނު ވެރިރަށް އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ކޮންމެ ގައިދީއެއްގެ ވެސް ސިއްހަތާއި، ފުރާނައާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަކީ ދުސްތޫރީ ވާޖިބެއް ކަމަށާއި، އެހެންކަމުން ލަސްނުކޮށް 48 ގަޑިއިރުގެ ތެރޭގައި ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން އޭނާގެ ހާލަތު ވަޒަންކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށެވެ. މީގެއިތުރުން، އެތައް މަހަކަށްފަހު އާއިލީ ބައްދަލުވުންތަކުގެ ހުއްދަ ވެސް ކޯޓުން ވަނީ ދީފައެވެ.

އުމުރުން 73 އަހަރުގެ އިމްރާން ޚާން ހުންނެވި އަދިއާލާ ޖަލުން ހޮސްޕިޓަލަށް ގެންދިޔައީ ސަލާމަތީ ބާރުތަކުގެ ވަރުގަދަ ފައުޖުތަކަކާ އެކުގައެވެ. ހޮސްޕިޓަލް ވަށައިގެން ފުލުހުން ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ސިޔާސީ އެއްވުމެއް ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއް ނުބޭއްވުމަށް ކޯޓުން ވަނީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް އަންގާފައެވެ.

އިމްރާން ޚާންގެ ވަކީލުން ވިދާޅުވާ ގޮތުގައި ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އޭނާގެ ކަނާތު ލޮލުގެ ފެނުން ވަނީ 15 ޕަސެންޓަށް ދަށްވެފައެވެ. އެހެންކަމުން ހޮސްޕިޓަލުގައި ފަރުވާ ކުރިއަށްދާއިރު ލޮލުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިކުރުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމަށް 1992 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދެއްވި ކެޕްޓަން އަދި 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާން އޮގަސްޓް 2023 އިން ފެށިގެން ހުންނެވީ ޖަލު ބަންދުގައެވެ.

އޭނާއާއި އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ދައުލަތުގެ ސިއްރުތައް ބޭރުކުރުމާއި ކޮރަޕްޝަން ފަދަ 100 އަށް ވުރެ ގިނަ ތުހުމަތުކޮށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، އެމަނިކުފާނު ގެންދަވަނީ އެއީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި ކުރަމުންދާ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކުރަމުންނެވެ.