ހޯމްވޯކް ނުހަދައިގެން ޓީޗަރު ޖެހި 6 އަހަރުގެ ކުއްޖަކު ކުލާސްރޫމް ތެރެއަށް ވެއްޓި މަރުވެއްޖެ
އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގެ އަމިއްލަ ސްކޫލެއްގައި، ހޯމްވޯކް ފުރިހަމަ ނުކުރުމުން ޓީޗަރަކު އަނިޔާކުރި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ކުލާސްރޫމް ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ވިސާކަޕަޓްނަމްގެ ވަން ޓައުން ސަރަހައްދުގައި ހުންނަ ލިޓްލް ގާޑަން ސްކޫލުގައެވެ. މަރުވެފައިވަނީ ޕްރަނޭ ތޭޖާ ނަމަކަށް ކިޔާ ދަރިވަރެކެވެ. އާއިލާއިން ބުނާ ގޮތުގައި އެ ކުއްޖާ ހޯމްވޯކް ނުހަދައިގެން ޓީޗަރު ދަނޑިބުރިއަކުން ޖެހުމުން، ބިރުންނާއި ލިބުނު ޝޮކުގައި ކުއްޖާ ވަނީ ތަޅުންގަނޑުމައްޗަށް މޫނުވަތަށް ވެއްޓިފައެވެ.
ކުއްޖާ އަވަހަށް ކިންގް ޖޯޖް ހޮސްޕިޓަލް (ކޭޖީއެޗް) އަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިއުމުގެ ބައިގަޑިއިރެއްހާއިރު ކުރިންވެސް ކުއްޖާގެ ފުރާނަ ގޮސްފައިވާ ކަމަށެވެ.
Ads by BMLކުއްޖާގެ ބައްޕަ ހާމަކުރި ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ސްކޫލަށް ދިޔައިރު ކުއްޖާގެ ހާލު ރަނގަޅެވެ. އަދި ސްކޫލަށް ދާން ބޭނުންވެގެން އަމިއްލައަށް އެދުނީވެސް އެ ކުއްޖާ ކަމަށާއި، އިމްތިހާނު ކައިރިވެފައި އޮތުމުން ސްކޫލަށް ފޮނުވީ އެއްވެސް ބައްޔެއް ނެތި ސިއްހަތު ރަނގަޅު ހާލަތެއްގައި ހުއްޓައެވެ.
ހާދިސާ ހިނގިކަން އާއިލާއަށް އެނގުނީ މެންދުރު 12:00 ހާއިރު ބޭރު ބަޔަކު ގުޅައި އެންގުމުންނެވެ. ސްކޫލުގެ ފަރާތުން އާއިލާއަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށް ބައްޕަ ތުހުމަތުކުރެއެވެ.
ސްކޫލުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޓީޗަރު އެ ކުއްޖާގެ ގައިގައި ޖެހުމުން، ކުއްޖާ ކުއްލިއަކަށް ހޭނެތިގެން ޓީޗަރުގެ އުނގުމައްޗަށް ވެއްޓެއެވެ. މިއީ އެ ސްކޫލުގައި ކުދިންނަށް އަނިޔާކުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިންވެސް އެހެން ކުދިންނަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ހާދިސާއާ ގުޅިގެން އާއިލާގެ މީހުންނާއި ތިމާގެ މީހުން ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ، ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އަޑުއުފުލާފައެވެ.
މި ހާދިސާއާ ގުޅިގެން ރެވެނިއު ޑިވިޝަނަލް އޮފިސަރު (އާރުޑީއޯ) ދިލީޕް ޗަކްރަވަރްތީ ވަނީ ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި އަންދުރަ ޕްރަދޭޝްގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ މިއީ ވަރަށް ހިތާމަވެރި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، މައްސަލަ ބެލުމަށް ތިން މެންބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނެނީ ވިސާކަޕަޓްނަމްގެ ރީޖަނަލް ޖޮއިންޓް ޑިރެކްޓަރާއި، ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރުގެ އިތުރުން އާރުޑީއޯއެވެ.
އެޑިއުކޭޝަން ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި ޓީޗަރުން ދަރިވަރުންނާ މެދު އިންސާނިއްޔަތުކަމާއި ޒިންމާދާރުކަމާއެކު މުއާމަލާތު ކުރުމަށް ބާރުއެޅުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ވަނީ ނިންމާފައެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ފުލުހުން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. އަދި ކުއްޖާ މަރުވާން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
Ads by MACL
