އައިފޯނެއްގެ މައްސަލައިގައި އިންޑިއާގެ އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެ
އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ޗަތުރަޕަތީ ސަމްބާޖީނަގަރު (އައުރަންގްއާބާދު) ގައި އައިފޯނެއްގެ އިންސްޓޯލްމަންޓް ދެއްކުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން ޒުވާނަކާއި އޭނާގެ މައިންބަފައިން ފަރުބަދަމަތިން ވެއްޓި މަރުވި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އުމުރުން 18 އަހަރުގެ ކުނާލް ނަމަކަށް ކިޔާ ޒުވާނަކު ގަނެފައިވާ އައިފޯނުގެ އީއެމްއައި (އިންސްޓޯލްމަންޓް) ދެއްކުމަށް ފައިސާ ހޯދަން އާއިލާ ކައިރީގައި އެދުމުންނެވެ. މި ފައިސާ ދެއްކުމުގެ މައްސަލައިގައި ބައްޕައާ ދެމެދު ހޫނު ޒުވާބެއް ހިނގުމަށް ފަހު، ހެނދުނު ގާތްގަނޑަކަށް 10:00 ހާއިރު ރުޅިއައިސްގެން ކުނާލް ވަނީ ގެއިން ނުކުމެ ތިސްގާއޯން ސަރަހައްދުގައި ހުންނަ އުސް ފަރުބަދައަކަށް އަރައި އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ދީފައެވެ.
ކުނާލް ފަހަތުން އޭނާގެ މައިންބަފައިންނާއި އަދި ސަރަހައްދުގެ އާންމުން އެތަނަށް ގޮސް، އޭނާ ފަރުބަދަމަތިން ފޭބުމަށް އެދި ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ވިސްނައިދޭން މަސައްކަތް ކުރިއެވެ.
Ads by BMLއެ ސަރަހައްދުގެ ކުރީގެ ވެރިއެއް ކަމަށްވާ ސަންޖޭ ޖާދަވް އާއި އެހެނިހެން މީހުން އައިފޯން 15 ޕްރޯ އެއް ގަނެދޭނެ ކަމަށް ބުނެ އަދި މަންމަގެ ހައްގުގައި ނަމަވެސް އެފަދަ ކަމެއް ނުކުރުމަށް އާދޭސްކުރި ނަމަވެސް، ކުނާލް ބުނަމުން ދިޔައީ އޮތް ހަމައެކަނި ހައްލަކީ މަރުވުން ކަމަށެވެ.
ދުވާލު ގާތްގަނޑަކަށް 1:00 ހާއިރު ކުނާލްގެ ބައްޕަ މުރުލީދަރު ޗާންދްގުޑޭ ވަނީ ދަރިފުޅު ސަލާމަތްކުރުމަށްޓަކައި އޭނާ ހުރި ހިސާބަށް އަރައި، ދަރިފުޅު ފަހަތަށް ދަމައިގަންނަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ހަރަކާތުގެ ތެރޭގައި ދެމީހުންގެ ބެލެންސް ގެއްލި ފުން ހޮހޮޅައެއްގެ ތެރެއަށް ވެއްޓުނީއެވެ.
ފިރިމީހާއާއި ދަރިފުޅު ވެއްޓިގެންދިޔަ މަންޒަރު ފެނުމުން ކުނާލްގެ މަންމަ ސަންގީތާ ވެސް ވަގުތުން އެމީހުންގެ ފަހަތުން ފަރުބަދަމަތިން ފުންމާލިއެވެ. މި ހާދިސާގައި އާއިލާގެ ތިން މީހުން ވެސް ވަނީ އެ ވަގުތު އެތަނުގައި މަރުވެފައެވެ.
ފުލުހުންނާއި ސަލާމަތީ ފަރާތްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު ސަލާމަތީ ދަލެއް ނުޖެހުނު ސަބަބާ މެދު ސުވާލު އުފެދިފައިވާއިރު، ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު ފަށައި ތިން މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ.
Ads by MACL
