ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

"ޔޫއެސްއެސް އަބްރަހަމް ލިންކަން"ގެ ރިޕޯޓާ ގުޅިގެން ނޫހުގެ ވެރިން ވަކިކުރަނީ

ޔޫއެސްއެސް އަބްރަހަމް ލިންކަން ގައި މަސައްކަތްކުރާ ސިފައިން ތިބީ ސީރިއަސް ހާލަތެއްގައި ---
ޔޫއެސްއެސް އަބްރަހަމް ލިންކަން ގައި މަސައްކަތްކުރާ ސިފައިން ތިބީ ސީރިއަސް ހާލަތެއްގައި ---

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ގައި ތިބި ސިފައިންގެ ހާލަތާ ގުޅޭގޮތުން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، ނޫހުގެ އިސްވެރިންތަކެއް ވަޒީފާއިން ވަކިކުރަން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ވަނީ ނިންމައިފައެވެ.

މި ފިޔަވަޅުގެ ދަށުން ވަކިކުރުމުގެ ރަސްމީ ނޯޓިސް ފޮނުވާފައިވަނީ ވޭތުވެދިޔަ 19 އަހަރު އެ ނޫހުގެ ޕަބްލިޝަރުގެ ގޮތުގައި މަސައްކަތްކުރި މެކްސް ލެޑަރަރ އާއި އެޑިޓަރު އެރިކް ސްލެވިންގެ އިތުރުން ރިޕޯޓަރު ލާރާ ކޯޓޭ އަށެވެ. އަދި މި ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކުރުމަށް އެ ފަރާތްތަކަށް ޕެންޓަގަނުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

އެޑިޓަރު އެރިކް ސްލެވިން އޭޕީ ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ ވަކިކުރީ ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި، އަސްކަރިއްޔާގެ މެންބަރުންނަށް ފޯރުކޮށްދޭ މައުލޫމާތު ސެންސަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނުމުން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތުކޮށް ކަމަށެވެ. އަދި އެ ނޫހުގެ އެޑިޓޯރިއަލް މިނިވަންކަން ކޮންމެހެންވެސް ދަމަހައްޓަންޖެހޭނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ރިޕޯޓަރު ލާރާ ކޯޓޭ އެކްސްގައި ހާމަކުރި ގޮތުގައި، އޭނާ މަސައްކަތް ކުރަނީ ނޫހަށް ކަމަށާއި ޕެންޓަގަނަށް ނުވަތަ އެއްވެސް ސަރުކާރަކަށް ނޫން ކަމަށް ބުނުމުން، އޭނާ ވެސް ވަކިކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތު އަޅުވައިފައެވެ. އަދި ގާނޫނުއަސާސީ ދިފާއުކުރުމަށް ހުވާކޮށްގެން ތިބި ސިފައިންނަށް މިނިވަން ނޫސްވެރިކަމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ވެސް ކޯޓޭ ބުންޏެވެ.

މި މައްސަލަ ހޫނުވެފައި މިވަނީ އަބްރަހަމް ލިންކަން މަނަވަރުގައި ސިފައިން ތިބި ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އެ ނޫހުން ރިޕޯޓު ޝާއިއުކުރުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ޑޮނަލްޑް ޓްރަމްޕް ވަނީ ދޮގުކޮށް، ސިފައިން އެ މަނަވަރުގައި ހޭދަކުރި މުއްދަތަކީ އަދި އެހާ ދިގު މުއްދަތެއް ނޫން ކަމަށް ބުނެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ރިޓަޔާކުރުމަށް ހަމަޖެހިފައިވަނިކޮށް މަގާމުން ވަކިކުރި ޕަބްލިޝަރު މެކްސް ލެޑަރަރ މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އޭނާގެ ލީޑަޝިޕް ވިސްނުމާއި ނޫހުގެ މިޝަނާ މެދު ދެކޭގޮތް ޕެންޓަގަންގެ ވެރިންގެ ވިސްނުމާ ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ. އަދި ޓްރަމްޕްގެ ދެވަނަ ދައުރުގައި އެ ނޫހާއި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.