އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަސްކަރީ ވަރުގަދަ ރައްދެއް ދޭނަން: އީރާން
އީރާނުގެ ވެރިކަން ވައްޓާލުމުގެ މަގްސަދުގައި އެމެރިކާގެ ތާރީޚުގައި ވެސް އަޅާނެ އެންމެ ހަރުކަށި މާލީ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވޮޝިންގޓަނުން ތައްޔާރުވަމުންދާތީ، އެމެރިކާގެ ކޮންމެ އިންޒާރަކަށް ވެސް ފަނާކުރަނިވި ވަރުގަދަ އަސްކަރީ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ވިދާޅުވީ، އެއްގަމާއި ކަނޑާއި ވައިގެ އިތުރުން ވައިގެ ދިފާއީ ނިޒާމާއި ސައިބަރ ސްޕޭސް ހިމެނޭހެން އީރާނުގެ ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށާއި، ދުޝްމަނުންގެ އައު އިންޒާރުތަކަށް ފުނޑުފުނޑުކޮށްލަނިވި އަދި އަދަބުވެރި ރައްދެއް ދޭނެ ކަމަށެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނުގެ ވެރިކަން ވައްޓާލާނެ ކަމަށް ބުނެ، ރާވާފައިވާ އައު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފުސީލު އަންނަ ހޯމަ ދުވަހު ހާމަކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް ވެސް އިގްތިސާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޑޮނަލްޑް ޓްރަމްޕް ވަނީ ދީފައެވެ.
Ads by BMLއެމެރިކާއާއި އިސްރާއީލުން އިސްވެ ފެށި ހަނގުރާމައަށް ގާތްގަނޑަކަށް ހަމަސް ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ގަލްފުގެ އެހެން ގައުމުތަކަށް ވެސް މީގެ އަސަރު ފޯރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށާއި އާދައިގެ އަސްކަރީ ބާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރަށް ހުރަސްއެޅުމާއި ސަރަހައްދީ ވާދަވެރިންނަށް ހަމަލާދިނުމުގެ މިސައިލާއި ޑްރޯންގެ ގާބިލުކަން އީރާނުގައި އަދިވެސް އެބައޮތެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގުބޫލުކަން ވަނީ މި ދައުރުގައި އެންމެ ދަށަށް ވެއްޓުނު މިންވަރަށް ވެއްޓިފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމާއި އެ ގައުމުގެ ވެރިކަން ވައްޓާލުމަށް ޓްރަމްޕް ކަނޑައެޅި ލަނޑުދަނޑިތައް އަދިވެސް ހާސިލުކުރެވިފައެއް ނުވެއެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ސީދާ އަސްކަރީ ކުރިމަތިލުމަކުން ކާމިޔާބު ނުވާނެކަން އެމެރިކާއަށް ގަބޫލުކުރެވިފައިވާ ކަމަށެވެ. އަދި ގައުމުގައި އަސްކަރީ ބާރު ކިތަންމެ ގަދަޔަސް، ރައްޔިތުން ބަނޑަށްޖެހި އިގްތިސާދީ ކުރިއެރުމެއް ނެތްނަމަ ގައުމަށް ސަލާމަތް ނުވެވޭނެ ކަމަށް ވިދާޅުވެ، ގާލިބާފް ވަނީ އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ފާހަގަކުރައްވާފައެވެ.
އީރާނުގެ ވިޔަފާރީގެ ބައިވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުން އެކްސްޕޯޓްކުރާ ތެލުގެ 80 އިންސައްތައަށްވުރެ ބޮޑުބައި ގަންނަ ޗައިނާއިން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި ބޭނުންވަނީ ޑިޕްލޮމެޓިކް ވާހަކަތައް ކަމަށެވެ.
ދުނިޔޭގެ ވިޔަފާރި ތެލުގެ ބޮޑުބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާ ގުޅޭގޮތުން ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ ބައިވެރި ގައުމުތަކުގެ އަސްކަރީ ވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެހެންނަމަވެސް މިއީ ނޭޓޯގެ ރަސްމީ މިޝަނެއް ނޫން ކަމަށް އޮފިޝަލުން ހާމަކުރެއެވެ.
Ads by MACL
