ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޓީޗަރުގެ ހަމަލާގައި ދަރިވަރު މަރުވި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނަން: އެޑިޔުކޭޝަން

ޓީޗަރުގެ ހަމަލާގައި ދަރިވަރު މަރުވި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނަން: އެޑިޔުކޭޝަން

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ސްކޫލެއްގައި ޓީޗަރަކު ޖެހި އެތިފަހަރަކުން ހަ އަހަރުގެ ކުއްޖަކު ހޭނެތިގެން ވެއްޓި މަރުވި މައްސަލައިގައި، އެކަމުގައި އިހުމާލުވި ފަރާތްތަކާއި ސްކޫލް މެނޭޖްމަންޓާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ސްޓޭޓުގެ އެޑިއުކޭޝަން އަދި އައިޓީ މިނިސްޓަރު ނާރާ ލޮކޭޝް ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އަދަބު ދިނުމާއި ތަރުބިއްޔަތު ކުރުމުގެ ނަމުގައި އެއްވެސް ކުއްޖަކަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސްކޫލްތަކުގައި ޖިސްމާނީ އަދަބު ދިނުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އަޅަން އަމުރުކުރައްވާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އަންދްރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގެ ސްކޫލެއްގައި ހިނގި މި ހިތާމަވެރި ހާދިސާގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާގައްޔާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން ޓީޗަރަކު ކުއްޖާގެ ހެދުމުގައި ހިފަހައްޓައިގެން ހުރެ، އެ ކުއްޖާގެ މޫނުމަތީގައި ބާރަށް ޖެހުމާއެކު އެ ކުއްޖާ ވަގުތުން ބިންމައްޗަށް ދެމި، ހޭނެތިގެން ވެއްޓެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޕްރަނޭ ތޭޖް ކިޔާ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ބައްޕަ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހެނދުނު 8 ޖެހިއިރު ހޭލައިގެން ސްކޫލަށް ދާން ބޭނުންވެގެން އަމިއްލައަށް އެދިގެން ދިޔައިރުވެސް ކުއްޖާ ހުރީ ފުރިހަމަ ސިއްހަތެއްގައި ކަމަށެވެ. ކުއްޖާ މަރުވި ޚަބަރު ލިބުމާއެކު އާއިލާގެ މީހުން ހޮސްޕިޓަލް ދޮށަށް އެއްވެ، އިންސާފު ހޯދުމަށާއި ކުށްވެރިންނަށް އަދަބު ދިނުމަށް ގޮވާލައި ވަނީ އަޑުއުފުލާފައެވެ.

ފުލުހުންގެ އިންސްޕެކްޓަރު ޕޫޑީ ވަރާ ޕްރަސާދު ވިދާޅުވީ، ކުއްޖާގެ ބައްޕަ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބީއެންއެސްއެސްގެ 194 ވަނަ މާއްދާގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާއިރު، މަރުވާން މެދުވެރިވި ސީދާ ސަބަބު ދެނެގަނެވޭނީ ލިބެންޖެހޭ ހުރިހާ ލެބޯޓްރީ ރިޕޯޓްތަކެއް ފުރިހަމަވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ ސްޓޭޓުގެ ވެރިކަންކުރާ ޕާޓީ ކަމަށްވާ ޓެލުގޫ ދޭސަމް ޕާޓީ (ޓީޑީޕީ) ގެ ސްޓޭޓް ރައީސް ޕައްލާ ސްރީނިވާސާ ރާއޯ ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުން ވަގުތުން އިޖާބަދީ އެކަށީގެންވާ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އެކުލަވާލެއްވި ކޮމިޓީގެ ރިޕޯޓް ލިބުމުން، އެކަމުގައި އިހުމާލުވި އެންމެންނާމެދު ޝަރީއަތުގެ މަގުން ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޖިސްމާނީ އަދަބު ދިނުމަކީ ގާނޫނުން މުޅިން މަނާކޮށްފައިވާ ކަމެއް ނަމަވެސް، 2018 ވަނަ އަހަރު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަގްރާސާރުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ ފަގީރު އާއިލާތަކަށް ނިސްބަތްވާ ސްކޫލް ކުދިންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ކުދިންނަށް ޓީޗަރުންގެ ފަރާތުން އެކި މިންވަރުގެ ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާންޖެހެއެވެ.