ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޭޝިޔާގައި އޮތް އެމެރިކާގެ އެންމެ ފަހު މަނަވަރު މެދުއިރުމައްޗަށް ފޮނުވާލުމުން ސަރަޙައްދީ ބައިވެރިން ކަންބޮޑުވެއްޖެ

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ---- ފޮޓޯ: އޭއެފްޕީ
އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ---- ފޮޓޯ: އޭއެފްޕީ

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި އޮތް އެމެރިކާގެ އެންމެ ފަހު މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ޖަޕާނުން މެދުއިރުމައްޗަށް ފޮނުވާލުމާ ގުޅިގެން، އޭޝިޔާގައި ތިބި އެމެރިކާގެ ބައިވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.

އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހަވަނަ މަހަކަށް ދެމިގެންގޮސް، މެދުއިރުމައްޗަށް އަސްކަރީ ވަސީލަތްތައް އިތުރުކުރަން މަޖުބޫރުވުމާ ގުޅިގެންނެވެ.

މި މަނަވަރު މެދުއިރުމައްޗަށް ފޮނުވަނީ ވޭތުވެދިޔަ ނުވަ މަސްދުވަހު މެދުކެނޑުމެއްނެތި އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ބަދަލުގައެވެ. ދިގުލައިގެން ދިޔަ މި މިޝަންގެ ސަބަބުން ލިންކަން މަނަވަރުގައި ކާބޯތަކެތި މަދުވެ، ފާޚާނާތަކާއި ފެންވަރާ ތަންތަން ހަލާކުވެ ސާފުތާހިރުކަން ގެއްލި ބަލިމަޑުކަން ފެތުރިފައިވާ ކަމަށާއި، ނަފްސާނީ ގޮތުން އަސަރުކޮށްގެން ސިފައިންގެ މީހަކު މަނަވަރުން ފުންމާލަން މަސައްކަތްކުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ދެކުނު ކޮރެއާގައި ޤާއިމުކޮށްފައި ހުރި އެމެރިކާގެ ތާޑް މިސައިލް ދިފާޢީ ނިޒާމުގެ ބައިތަކެއްވެސް އީރާނާ ދެކޮޅަށް ބޭނުންކުރުމަށް ގެންގޮސްފައިވާ ކަމަށާއި، މި ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެމެރިކާގެ މިސައިލާއި ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއަރ އެނަލިސްޓް ވިލިއަމް ޔަންގް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން އޭޝިޔާ ސަރަޙައްދުގައި ޗައިނާ ހުއްޓުވުމަށް އެމެރިކާއަށް އޮތް ޤާބިލުކަމަށް ބުރޫއަރާނެއެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު އެ ސަރަޙައްދު ދޫކޮށް ދިއުމާއެކު، ޗައިނާގެ ލިއާއޮނިންގ އަދި ޝަންޑޮންގް މަނަވަރުތަކާއި އަސްކަރީ އުޅަނދުތައް ޓައިވާން، ޖަޕާން އަދި ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައެވެ.

ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީގެ ސެކިއުރިޓީ އެކްސްޕަރޓް ޖާ އިއާން ޗޮންގް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ސިޔާސަތުގެ ދަށުން އޭޝިޔާގެ ޤައުމުތަކުން އަމިއްލަ ދިފާޢަށް ބުރަވާންޖެހޭ މިންވަރު ހާމަވާ ކަމެކެވެ. އެމެރިކާގެ 2026 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީގައި ގޮވާލާފައިވަނީ ޗައިނާ، އުތުރު ކޮރެއާ، ރަޝިޔާ އަދި އީރާނުގެ ނުރައްކަލާ ދެކޮޅަށް ބައިވެރިވާ ޤައުމުތަކުން ޚަރަދުތައް ޙިއްޞާކޮށް، އަސްކަރީ ޚަރަދުތައް ޖީޑީޕީގެ 3.5 އިންސައްތައަށް މަތިކުރުމަށެވެ.

މި ސަބަބުތަކަށްޓަކައި ޓައިވާނުން 2027 ވަނަ އަހަރުގެ ދިފާޢީ ބަޖެޓު 18 އިންސައްތައަށް އިތުރުކުރުމަށް ނިންމާފައިވާއިރު، ފިލިޕީންސުން ޖީޑީޕީގެ 4 އިންސައްތައަށް ޚަރަދު މަތިކުރުމަށް ގޮވާލައި ޖަޕާނާއި ދެކުނު ކޮރެއާއެކު ދަނީ ސަލާމަތީ ގުޅުންތައް ވަރުގަދަކުރަމުންނެވެ.

މި ހުރިހާ ބަދަލުތަކާއެކުވެސް، ޕެސިފިކް ކޮމާންޑްގެ ދަށުން 375،000 އެމެރިކާ ސިފައިންނާއި އެމްފިބިއަސް ރެޑީ ގްރޫޕްތައް އަދިވެސް އޭޝިޔާގައި އެބަތިބި ކަމަށާއި، އީރާން ހަނގުރާމަ ނިމުމަކަށް އައުމުން އެމެރިކާގެ މައިގަނޑު ސަމާލުކަން އަލުން ޗައިނާއާއި އޭޝިޔާއަށް އެނބުރި އަންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.