އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަށް އީރާނުން އިންޒާރުދީފި
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށާއި، ބަދަލުހިފުމުގެ ގޮތުން އެފަދަ ގައުމުތަކުގެ މަސްލަހަތުތަކަށް އީރާނުން ހަމަލާތައް އަމާޒުކުރާނެ ކަމަށް އެގައުމުގެ ސަލާމަތީ އިސް ވެރިޔާ މުހުސިން ރިޒާއީ ބުނެފިއެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާން އިގްތިސާދީ ގޮތުން އެކަހެރިކޮށް ބަލިކަށިކޮށްލުމަށްޓަކައި ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ އީރާނުން ދުޝްމަނުންގެ ކުރިމަތީގައި ބޯނުލަނބާނެ ކަމަށާއި، މި ހާލަތުގައި ގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އީރާނުގެ އަސްކަރީ ދިފާއީ ސިޔާސަތު ބަދަލުކޮށް، ކުރިމަތިވެދާނެ ނުރައްކާތަކުން ދުރާލާ ދިފާއުވުމަށާއި، ކުރިމަތިވާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާ ދިނުމުގެ އައު އަސްކަރީ އުކުޅުތަކަކަށް ތައްޔާރުވަމުންދާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
Ads by BMLމި ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ އައު ސަރަހައްދެއްގެ ގޮތުގައި ސިފަކޮށް އޭނާގެ ޓްރުތު ސޯޝަލް އެކައުންޓުގައި ޗާޓެއް ހިއްސާކޮށްފައެވެ. ސައުތު ކެރޮލައިނާގައި ބޭއްވި އެއްވުމެއްގައި ވެސް އޭނާ ވަނީ އެ ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ޖޯއީ ހޫޑް ބުނެފައިވަނީ ހޮރުމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށުގައި އޮތް ކަމަށް ދައްކާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ކަނޑުއޮޅިން އަމާންކަމާއެކު އާގުބޯޓުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުން މުހިންމު ކަމަށެވެ. އަނެއްކޮޅުން، ޔަމަނުގެ ކަނޑުގެ ސަރަހައްދު ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅިން ހޫޘީން އަޅާފައިވާ މައިނެއް ފެނިގެން ނައްތާލާފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާއި ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް އިނގިރޭސިވިލާތާއި ފްރާންސުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި 100 އަށް ވުރެ ގިނަ ކުރީގެ ޑިޕްލޮމެޓުން ވަނީ ސިޓީއެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް، ޔޫރަޕްގެ ގައުމުތަކުން އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ނެރޭ ބަޔާންތަކަކީ އަމަލީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ބަޔާންތަކަށް އިސްރާއީލުން އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށް އިސްރާއީލުގެ ކުރީގެ ޑިޕްލޮމެޓް އެލޯން ޕިންކަސް ވަނީ ބުނެފައެވެ. ހުޅަނގު އައްޑޭގު އަބޫ ފަލާހު އަވަށު ކައިރިން އިސްރާއީލުގެ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ މުދާތައް ފޭރިގެންފައެވެ. އަދި ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލުއާންމުތަކުގައި 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ގަބުރުސްތާނުތައް ހަލާކުކޮށްލުމުގެ ސަބަބުން، މަރުވާ މީހުން ވަޅުލާނެ ޖާގަ ނުލިބި، ގޭގޭގެ ގޯތިތެރޭގައާއި ސްކޫލްތަކުގައި ވަޅުލަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިއާގެ ދެކުނު ހުޅަނގުގައި އޮންނަ ބައިތު ޖިން އަވަށުގައި ދުއްވާފައި ދިޔަ ލޮރީއަކަށް ޑްރޯން ހަމަލާއެއް ދީ އާންމުންގެ ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް ސީރިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށާއި، ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ހައްދާޘާ އަވަށަށް އިސްރާއީލުން ވައިގެ މަގުންނާއި ބޮޑުބަޑީގެ ވަރުގަދަ ހަމަލާތައް ދީފައިވާއިރު، އޭގެ ތެރޭގައި ފޮސްފަރަސް ބޮން ބޭނުންކޮށްފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ސީރިއާގައި ހުރި މަރުކަޒަކަށް ދިން ހަމަލާއަކާ ގުޅިގެން އިސްރާއީލުން އެމެރިކާއަށް ދުރާލާ އެކަށީގެންވާ އިންޒާރެއް ދީފައި ނުވާ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލް ޓޮމް ބަރަކް ވަނީ އިސްރާއީލަށް ފާޑުކިޔައިފައެވެ.
Ads by MACL
