ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

24 ފަޅުވެރިންނާއެކު ސިންގަޕޫރަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އިންޑިއާ ކައިރިއަށް އަޑިއަށް ހިނގައްޖެ

24 ފަޅުވެރިންނާއެކު ސިންގަޕޫރަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އިންޑިއާ ކައިރިއަށް އަޑިއަށް ހިނގައްޖެ

އިންޑިއާގެ އޮޑިޝާގެ އައްސޭރިފަށާ ދިމާލުން ގާތްގަނޑަކަށް 240 ނޯޓިކަލް މޭލު ބޭރުން ކަނޑުގެ ސަރަހައްދަށް، 24 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ޖެހި މުދާ އުފުލާ ކާގޯ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

އަޑިއަށް ގޮސްފައިވަނީ "އެމްވީ އޯޝަން ވިނަރ" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓު އޮގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު އޮޑިޝާގެ ޕަރަދީޕް ބަނދަރުން ފުރައިގެން ދަތުރުކުރަމުން ދިޔައީ ސިންގަޕޫރަށެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ އޮޑިޝާއިން ބަރުކޮށްގެން ދިޔަ 1,700 ޓަނުގެ ދަގަނޑު ހިލަ (އަޔަން އޯ) އުފުލައިގެންނެވެ.

މި ބޯޓުގައި ތިބި 24 ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 20 މީހުންނާއި، މިޔަންމާގެ 3 މީހުންގެ އިތުރުން ބަންގްލަދޭޝްގެ އެކަކެވެ.

ބޯޓާ ގުޅުން ކެނޑިފައިވާކަމުގެ މައުލޫމާތު ސްރީ ވިޖަޔާ ޕޫރަމްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އޮގަސްޓް 22 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 11:48 ގައެވެ. މި އެލަރޓާއި ހޯދުމުގެ އެހީތެރިކަމަށް އެދިފައިވަނީ އެ ބޯޓު އޮޕަރޭޓްކުރާ ކުންފުނި ކަމަށްވާ "ވިކްޓަރީ ސްޓާ ގްރޫޕް ކޯ ލިމިޓެޑް" އިންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއަން ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ވަނީ ކުއްލި ސަލާމަތީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ކޯސްޓް ގާޑުގެ "ވަރަދް" އަދި "އަންމޯލް" ނަމަކަށް ކިޔާ ދެ އުޅަނދު ހަރަކާތްތެރިވަމުންދާއިރު، އެހީތެރިވުމަށް ސްރީ ވިޖަޔާ ޕޫރަމްއިން "ވިޖިތު" ނަމަކަށް ކިޔާ ތިންވަނަ އުޅަނދެއްވެސް ވަނީ ފޮނުވާފައެވެ.

ކޯސްޓް ގާޑުން މިހާތަނަށް ވަނީ ކަނޑަށް ދޫކޮށްލާފައިވާ ލައިފް ރާފްޓްތަކުން ދެ މީހަކު ސަލާމަތްކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުފަހަރަށްވެސް މި ހާދިސާގެ އެލަރޓް ފޮނުވައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ވަނީ އެދިފައެވެ.