ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މީހަކު މަރާލުމަށްފަހު ފިލައިގެން އުޅުނުތާ 42 އަހަރު ފަހުން އުމުރުން 65 އަހަރުގައި ހައްޔަރުކޮށްފި

އުއްތަރަ ޕްރަދޭޝްގައި ވެސް ނައްތޫއަށް އިތުރު ކޭސްއެއް ކުރިމަތިވެފައިވާކަން ކްރައިމް ބްރާންޗުން ވަނީ ކަށަވަރުކޮށްދީފައި --- ފޮޓޯ: އެންޑީޓީވީ
އުއްތަރަ ޕްރަދޭޝްގައި ވެސް ނައްތޫއަށް އިތުރު ކޭސްއެއް ކުރިމަތިވެފައިވާކަން ކްރައިމް ބްރާންޗުން ވަނީ ކަށަވަރުކޮށްދީފައި --- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ވެރިރަށް ދިއްލީގައި 1984 ވަނަ އަހަރު ހިންގި މަރުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހަކު، ފިލައިގެން އުޅޭތާ 42 އަހަރު ފަހުން ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ އުއްތަރު ޕްރަދޭޝްގެ ހަރްދޯއީ ޑިސްޓްރިކްޓަށް ނިސްބަތްވާ ނައްތޫ ނުވަތަ ނައްތޫލާލް ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ. މީނާ މީހަކު މަރާލުމަށްފަހު ފިލާފައިވަނީ އުމުރުން އެންމެ 23 އަހަރުގައެވެ.

މި ހާދިސާ ހިނގާފައިވަނީ 1984 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގެރޭ، ވެސްޓް ދިއްލީގެ ވިކާސްޕޫރީ ޑިސްޓްރިކްޓް ޕާކް ތެރޭގައެވެ. އެ ޕާކު ތެރެއިން ފެނުނީ އެތައް ފަހަރަކު ވަޅި ޖަހައި މަރާލާފައި އޮތް އަޝޯކް ކުމާރު ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑެވެ. އެ މައްސަލަ ފުރަތަމަ ރަޖިސްޓްރީކުރީ ދިއްލީގެ ޖަނަކްޕޫރީ ޕޮލިސް ސްޓޭޝަނުގައެވެ.

ތަހުގީގުން ހާމަވި ގޮތުގައި މި މަރުގެ ފަހަތުގައި ވަނީ ޒާތީ މައްސަލައެކެވެ. މަރުވި އަޝޯކް ކުމާރާއި މި މައްސަލައިގައި ބައިވެރިވި ބަބޫތީ ޕްރަސާދަކީ އެއް އަވަށެއްގެ ދެމީހުންނެވެ. އަޝޯކް ކުމާރު، ބަބޫތީގެ އަނބިމީހާއަށް ފުރައްސާރަކޮށް ގޯނާކުރަން އުޅުމުގެ ސަބަބުން އުފެދުނު ދެބަސްވުމެއްގައި، ބަބޫތީ އާއި އޭނާގެ ރަހުމަތްތެރިޔާ ނައްތޫ ޕާކުގައި ތިބެ ރާބުއިމަށްފަހު އަޝޯކް މަރާލަން ރޭވީއެވެ.

އެ ހާދިސާއަށްފަހު ބަބޫތީ ޕްރަސާދު ހައްޔަރުކޮށް، އޭނާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ހޯދި ނަމަވެސް ނައްތޫ ވަނީ ފިލާފައެވެ.

ފުލުހުންގެ އަތުނުވެ ގިނަ އަހަރުތަކެއް ވަންދެން ހުރުމަށްޓަކައި ނައްތޫ ވަނީ އުއްތަރު ޕްރަދޭޝްގެ އެކި ސަރަހައްދުތަކުގެ ތަރުކާރީ ހޯލްސޭލް މާރުކޭޓުތަކުގައި މަސައްކަތްކޮށް، އެކަހެރިކޮށް އުޅެފައެވެ. އަދި އޭނާ ކައިވެންޏެއް ނުކޮށް އެކަނިވެރި ދިރިއުޅުމެއް އުޅުމަކީ ވެސް ފުލުހުންގެ ލޮލުގައި އަޅައިނުގަނެ ފިލައިގެން އުޅުމަށް ލިބުނު ފުރުސަތެކެވެ.

ދިއްލީ ކްރައިމް ބްރާންޗުން ބާ މައްސަލަތައް އަލުން ބަލައި، މަސްތަކެއް ވަންދެން ސިއްރިޔާތުގައި ހިންގި އޮޕަރޭޝަނަކަށްފަހު ނައްތޫ އަވަށަށް އައިސް އުޅޭކަމުގެ މައުލޫމާތު ލިބުނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އޭގެ އަނެއް ދުވަހު އޭނާ އަމިއްލަ އަވަށުން ފަރުކާބާދަށް ދަތުރުކުރަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން 2005 ވަނަ އަހަރު މީހަކު ރަހީނުކުރި މައްސަލައެއްގައި ފަރުކާބާދުގެ ކޮޓްވާލީ ޕޮލިސް ސްޓޭޝަނުގައި ވެސް ނައްތޫގެ މައްޗަށް މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. 1984 ގެ މަރުގެ މައްސަލައާ ގުޅިގެން ދިއްލީ ފުލުހުން މިހާރު ދަނީ އޭނާއާ އިތުރަށް ސުވާލުކުރަމުންނެވެ.