ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޑޮކްޓަރަކު މަރާލަން ދިޔަ ދެ މީހަކު އެކްސިޑެންޓްވެ، ފުލުހުންގެ ބަޑީގެ ހަމަލާތަކަކަށްފަހު ހޮސްޕިޓަލަށް

ޑޮކްޓަރަކު މަރާލަން ދިޔަ ދެ މީހަކު އެކްސިޑެންޓްވެ، ފުލުހުންގެ ބަޑީގެ ހަމަލާތަކަކަށްފަހު ހޮސްޕިޓަލަށް

އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ޑޮކްޓަރަކު މަރާލުމަށް ރޭވި ނުރައްކާތެރި ރޭވުމެއް ފުލުހުން ނާކާމިޔާބުކޮށްލައި، ފިލައިގެން އުޅޭ ގޭންގު ލީޑަރު ހިމާންޝޫ ބާއޫގެ ގޭންގަށް ނިސްބަތްވާ ދެ ޝޫޓަރުން ފުލުހުންގެ ބަޑީގެ ހަމަލާތަކަކަށްފަހު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ ބައްކަރްވާލާ ސަރަހައްދުގައެވެ. ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗާއި ހަރިޔާނާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން، ހިމާންޝޫ ބާއޫގެ ގޭންގުން އެ ސަރަހައްދުގައި މީހަކު މަރާލަން އުޅޭކަން ވަނީ އެނގިފައެވެ.

ޚަބަރުތައް ބުނާގޮތުގައި، ގޭންގު ލީޑަރު ހިމާންޝޫ ބާއޫ ވަނީ އާރުއާރުއެމް ހޮސްޕިޓަލުގެ ވެރިޔާ ޑރ. ނަރެންދުރަ ޝަރުމާއަށް އިންޒާރުދީ، އެ ސަރަހައްދަށް ޝޫޓަރުން ފޮނުވާނެ ކަމަށް ބުނެ ބިރުދައްކާފައެވެ.

ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން ވަނީ ބައްކަރްވާލާ ސަރަހައްދުން ޝައްކުކުރެވޭ މަހިންދުރާ ތާރު އެސްޔޫވީއެއް ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ހުއްޓަން އެންގުމުން، ކާރު ދުއްވަން އިން ޑްރައިވަރު ވަނީ ސްޕީޑް ބާރުކޮށް ފްލައިއޯވާ ކައިރީގައިވާ ސާވިސް މަގަކަށް އަޅައި ފިލަން މަސައްކަތްކޮށްފައެވެ.

ފިލަން އުޅުމުގެ ތެރޭގައި އެ އެސްޔޫވީ ވަނީ ޓީ-ޖަންކްޝަނަކުން ކުރިމަތިން އައި ބޮލޭރޯ ޕިކަޕަކާ މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ވެފައެވެ.

އެކްސިޑެންޓަށްފަހު ކާރުގައި ތިބި ދެ މީހުން ކާރު ދޫކޮށް ނުކުމެ ފުލުހުންގެ ޓީމަށް އަމާޒުކޮށް ބަޑިޖަހަން ފެށިއެވެ. ގާތްގަނޑަކަށް އަށް ވަޒަން ޖެހުމާ ގުޅިގެން ފުލުހުން ވަނީ އަމިއްލަ ދިފާއުގައި ރައްދު ހަމަލާދީފައެވެ.

މި ކުރިމަތިލުމުގައި ތުހުމަތުކުރެވޭ ދެމީހުންނަށް ވެސް ވަޒަން އަރައި ޒަޚަމްވުމުން، ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށް، ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހުންގެ އަތުން ގްލޮކް ބްރޭންޑުގެ ދެ ފިސްތޯލަ ވަނީ ފެނިފައެވެ.

ޒަޚަމްވި ދެ މީހުންނަކީ ރޯހްތަކުގެ ރިތާލް ފޮގާތަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ސަމީރާއި، ގުބާނާއަށް ނިސްބަތްވާ އަދި މިހާރު ރޯހްތަކުގެ ވިޖޭ ނަގަރުގައި ދިރިއުޅެމުންދާ ކުޝް ކިޔާ މީހެކެވެ. ފުލުހުން މިހާރު ދަނީ އެމީހުންނަށް ހަތިޔާރު ލިބުނު ގޮތާއި، މިކަމުގައި ބައިވެރިވާ އެ ގޭންގުގެ އެހެން މެންބަރުން ހޯދުމުގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

ހިމާންޝޫ ބާއޫގެ ގޭންގަކީ މީގެ ކުރިން 2025 ވަނަ އަހަރު ހަރިޔާނާގެ ގުރުގްރާމްގައި ޔޫޓިއުބަރު އެލްވިޝް ޔާދަވްގެ ގޭގެ ބޭރުގައި ބަޑިޖެހި މައްސަލައިގައި ވެސް ޝާމިލްވާ ގޭންގެކެވެ.