ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

ދީޕިކާ ޕަދުކޯން ސަންދީޕް ރެޑީ ވަންގާއާއެކު ދުވަހަކުވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފި

ދީޕިކާ ޕަދުކޯން ސަންދީޕް ރެޑީ ވަންގާއާއެކު ދުވަހަކުވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފި

ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" އިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ވަކިވި މައްސަލައިގައި ދެކެވޭ ވާހަކަތައް އަނެއްކާވެސް ހޫނުވެފައިވާއިރު، ސަންދީޕް ފަދަ ޑައިރެކްޓަރަކާއެކު ދީޕިކާ ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ހާމަކޮށްފިއެވެ.

ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވަނީ ދީޕިކާ އޭނާގެ މުޅި ހަޔާތުގައިވެސް ސަންދީޕާ ބައްދަލުކުރީ އެންމެ ފަހަރަކު ކަމަށާއި، އެ ބައްދަލުވުމަށްވެސް ސަންދީޕް އައީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ހިއްސާކުރީ ފިލްމުގެ އެންމެ ޖުމްލައެއްގެ ޚުލާސާއެއް ކަމަށާއި، ފިލްމުގެ ފުރިހަމަ ވާހަކަ ކިޔައިނުދޭތީ މި ފިލްމު ކުޅުމަކީ ދީޕިކާ ދުވަހަކުވެސް ވިސްނި ކަމެއް ނޫން ކަމަށްވެސް އެ ފަރާތުން ބުންޏެވެ. މީގެއިތުރުން ސަންދީޕްގެ ފިލްމުތަކުންނާއި އޭނާގެ އަމަލުތަކުން ފެންނަ އަންހެނުންނަށް އިހުތިރާމު ކުޑަކުރުމުގެ މިޒާޖުގެ ސަބަބުން، އޭނާއާއެކު ދީޕިކާ މަސައްކަތް ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގެ ބަހުސް އަލުން ފެށުނީ ސަންދީޕްގެ ކޮއްކޮ ޕްރަނޭ ދިން އިންޓަވިއުއެއްގައި، ފިލްމުން ދީޕިކާ ދޫކޮށްލީ އޭނާގެ އަގާއި ވަގުތު ހަމަޖެއްސުމުގައި އެއްބަސްނުވެވިގެން ކަމަށާއި، ފިލްމުގެ ފައިދާއިން 10 އިންސައްތަ ހިއްސާއަކަށް ދީޕިކާ އެދުނު ކަމަށް ބުނުމާ ގުޅިގެންނެވެ. ޕްރަނޭ އިތުރަށް ތުހުމަތުކުރި ގޮތުގައި އެތެރޭގެ ވާހަކަތައް އެއްބަސްވުމާ ޚިލާފަށް މީޑިއާއަށް ލީކުކޮށްލީ ދީޕިކާގެ ޓީމުންނެވެ.

މީގެ ކުރިން ދެކެވުނު ވާހަކަތަކުގައި ބުނެފައިވަނީ ދީޕިކާ މަސައްކަތްކުރަން އެދުނީ ދުވާލަކު 8 ގަޑިއިރު ކަމަށެވެ. މިކަމާ ގުޅިގެން ދީޕިކާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަބަދުވެސް ކަންކަމާ ކުރިމަތިލަނީ ހަމަހިމޭންކަމާއި އަބުރުވެރިކަމާއެކު ކަމަށާއި، ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުމަށް އެދުމަކީ ބޭއިންސާފު ކަމެއް ނޫން ކަމަށެވެ. އަދި ބޮލީވުޑްގެ ފިރިހެން ތަރިންވެސް އެތައް އަހަރެއް ވަންދެން 8 ގަޑިއިރު މަސައްކަތް ކުރަމުން އަންނައިރު އެއީ ޚަބަރަކަށް ނުވާ ކަމަށް ދީޕިކާ ފާހަގަކޮށްފައިވެއެވެ.

ދީޕިކާ ވަކިވުމާ ގުޅިގެން މިހާރު ޕްރަބާސްއާއެކު ސްޕިރިޓްގެ ބަތަލާގެ ރޯލަށް ހަމަޖައްސާފައިވަނީ ތުރިޕްތީ ދިމްރީއެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މާޗު 2027 ގައެވެ.

މުނިފޫހިފިލުވުން

އިތުރަށް ←