ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފިރިމީހާ މަރާލައި ގޮހޮރު ބޭރުކުރި އަންހެނަކު ފަޅާއެރުމުން ޓެރަހުން ފުންމާލައިފި

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: އެންޑީޓީވީ
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ހަރިޔާނާ ސްޓޭޓުގެ ކުރުކްޝޭތުރާގައި އަންހެނަކު އޭނާގެ ފިރިމީހާ ރަހުމުކުޑަ ގޮތަކަށް މަރާލުމަށްފަހު، ހަށިގަނޑުން ގޮހޮރު ނަގަނިކޮށް ފެނުމުން ބިރުން ޓެރަހުން ފުންމާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުރުކްޝޭތުރާގެ ޕެހޯވާ ރޯޑުގައި ހުންނަ ރާޖް ޕެލަސް ކައިރީގައި ކުއްޔަށް ހިފާފައިވާ ގެއެއްގައެވެ. އެ ގޭގައި ދިރިއުޅެމުން ދިޔައީ ރާޖޭޝް ނަމަކަށް ކިޔާ ފިރިހެނަކާއި އޭނާގެ އަނބިމީހާ ވިމްލާ ދޭވީއެވެ.

އެ ގޭގެ ވެރިމީހާ ރިންކޫ ބުނި ގޮތުގައި ހަވީރު ގާތްގަނޑަކަށް 5:00 ހާއިރު ދެމަފިރިން ޒުވާބުކުރާ އަޑު އިވިގެން އޭނާ ޓެރަހަށް އެރިއިރު، ރާޖޭޝް އޮތީ ބަނޑަށް ބޮޑެތި އަނިޔާތަކެއް ލިބި ލެއިން ތަތްތެޅިފައެވެ. އަދި އޭނާގެ ހަށިގަނޑުން ނުކުމެފައިވާ ގޮހޮރުގެ ބައިތައް ކޮތަޅަކަށް އަޅަން ވިމްލާ ހުއްޓާ ފެނުމުން، އެކަން ފަޅާއެރުމާއެކު އޭނާ ކުއްލިއަކަށް ސިހިގެން ގޮސް ޓެރަހުން ތިރިއަށް ފުންމާލީއެވެ.

ޓެރަހުން ފުންމާލުމުގެ ސަބަބުން އަނިޔާވި ވިމްލާއަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފުލުހުން އަންނަނީ އޭނާގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންނެވެ.

އުއްތަރު ޕްރަދޭޝްގެ ސީތާޕޫރު ޑިސްޓްރިކްޓުގެ ދާމްޕޫރު އަވަށަށް ނިސްބަތްވާ ރާޖޭޝް، އަނބިމީހާއާއެކު ކުރުކްޝޭތުރާގައި ދިރިއުޅެމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އޭނާ މަސައްކަތް ކުރަމުން ދިޔައީ ޕެހޯވާ ރޯޑުގައި ހުންނަ ފެނުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ސަޕްލައި ޑިޕާޓްމަންޓުގައެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި ރާޖޭޝްގެ ބަނޑު ވަނީ ތޫނު އެއްޗަކުން 35 ސެންޓިމީޓަރަށް ޒަޚަމްކޮށް ކަފާލައި، ގޮހޮރު ބޭރަށް ނެރެފައެވެ. މީގެއިތުރުން، އޭނާގެ މޭގަނޑުން ބޮޑު ބަޔަކާއި ކަނާތު ކިޑްނީ ވެސް ހަށިގަނޑުގައި ނެތްކަން ޕޯސްޓްމޯޓަމުން ވަނީ ހާމަވެފައެވެ. ފުލުހުން މިހާރު ދަނީ މި ގުނަވަންތަކަށް ވީގޮތް ބަލައި ތަހުގީގު ކުރަމުންނެވެ.

ހާދިސާ ހިނގި ތަނުން ތަފާތު ސައިޒުގެ ތިން ވަޅި ފެނިފައިވާއިރު، ސްޓޭޝަން ހައުސް އޮފިސަރު ސުރިންދަރު ސިންގް އާއި ފުލުހުންގެ ޓީމުތަކުން ވަނީ އެ ސަރަހައްދު ބަލައި ފޮރެންސިކް ހެކި އެއްކޮށްފައެވެ.

ގޭގެ ވެރިމީހާ ބުނި ގޮތުގައި ވިމްލާއަކީ ސިހުރު ހާހޫރަ ހެދުމާއި ސަގާފީ ފަރުވާ ދިނުމުގެ ކަންކަން ކުރާ މީހެކެވެ. އަދި އެ ދެމަފިރިންގެ މެދުގައި އަބަދުވެސް ޒުވާބު ހިނގާ ކަމަށްވެއެވެ. ނަމަވެސް މި ގަތުލު ހިންގަން މެދުވެރިވި އަސްލު ސަބަބު އަދި ސާފެއް ނުވެއެވެ.

ކައިވެންޏަށް އެތައް އަހަރެއް ވެފައިވާ ނަމަވެސް އެ ދެމަފިރިންގެ ދަރިއަކު ނުހުރެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އަންހެންމީހާގެ ބަޔާނާއި، ފޮރެންސިކް ހެކިތަކާއި އަދި ޕޯސްޓްމޯޓަމް ރިޕޯޓަށް ބިނާކޮށް ކަމަށެވެ.