އިންސާނުންނަށްވުރެ ބާރަށް ދުވުމުގެ ރެކޯޑު ރޮބޮޓުން މުގުރާލައިފި
ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ފެށި "ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސް" ގައި އިންސާނުންނާ އެއްގޮތަށް ހަރަކާތްތެރިވާ ހިއުމަނޮއިޑް ރޮބޮޓުތަކުން ދުނިޔޭގެ އެންމެ ބާރު ދުވުންތެރިންގެ ރެކޯޑުތައް މުގުރާލައި، އާދަޔާޚިލާފު ހަލުވި ދުވެއްޔެއް ދައްކުވައިދީފިއެވެ. ނަމަވެސް، ކުޅިވަރުގެ މައިދާނުގައި މިފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔަޔަސް، އިންޑަސްޓްރީގެ މާހިރުން ފާހަގަކުރާ ގޮތުގައި މި ރޮބޮޓުތަކަށް އޮތް ހަގީގީ އިމްތިހާނަކީ މީހުންގެ އާންމު ދިރިއުޅުމާއި ވަޒީފާތަކުގައި ކޭބަލް ގުޅުމާއި، ޕެކޭޖިންގ އަދި ގުދަންތަކުގެ މަސައްކަތްތައް އަމިއްލައަށް ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގެ ގާބިލުކަމެވެ.
ބެއިޖިންގްގެ ނޭޝަނަލް ސްޕީޑް ސްކޭޓިންގ އޯވަލްގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 51 އިވެންޓެއް ހިމެނޭއިރު، އޭގެ ތެރޭގައި 30 ކުޅިވަރު ހަރަކާތާއި އާންމު މަސައްކަތުގެ މާހައުލުތަކަށް ޚާއްސަ 21 ސިނާރިއޯ އިވެންޓް ހިމެނެއެވެ. މި ގޭމްސްގެ ޓެކްނޮލޮޖީ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ހުއާވޭ ކުންފުނިން ހާމަކުރި ގޮތުގައި، މި އިވެންޓްތަކުގެ 40 އިންސައްތައަށް ވުރެ ގިނަ ހަރަކާތްތަކުގައި ރޮބޮޓުތައް މަސައްކަތް ކުރަންޖެހެނީ އެއްވެސް އިންސާނީ އެހީތެރިކަމެއް ނެތި، ފުރިހަމަ އަމިއްލަ ބާރުގައި (ފުލީ އޮޓޮނޮމަސްކޮށް) ކަމަށެވެ.
ހޮނިހިރު ދުވަހު އޮތް 100 މީޓަރު ދުވުމުގެ އިވެންޓުގައި ދެ ރޮބޮޓަކު ވަނީ ޖަމައިކާގެ ދުވުންތެރިޔާ ޔޫސެއިން ބޯލްޓް ހަދާފައިވާ 9.58 ސިކުންތުގެ ދުނިޔޭގެ ރެކޯޑަށް ވުރެ އަވަހަށް ރޭސް ނިންމާފައެވެ. މިއީ މިދިޔަ 2025 ވަނަ އަހަރު ބޭއްވި މުބާރާތުގެ އެއްވަނަ ހޯދި ރޮބޮޓުން 20 ސިކުންތަށް ވުރެ ގިނައިރު ހޭދަކުރި ނަތީޖާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން 400 މީޓަރުގެ ދުވުމުގައި ވާދަކުރި ރޮބޮޓަކު ވަނީ 39.7 ސިކުންތުން ރޭސް ނިންމައި، ސައުތު އެފްރިކާގެ ވޭޑް ވެން ނީކާކް ހަދާފައިވާ 43.03 ސިކުންތުގެ ދުނިޔޭގެ ރެކޯޑު ވެސް މުގުރާލާފައެވެ.
Ads by BMLދުވުމުގެ ރެކޯޑުތައް ހެދި ނަމަވެސް، ފިނިޝިންގ ލައިނަށް ފަހު ރޮބޮޓުތަކުގެ ދުވެލި މަޑުކުރުމުގައި (ބްރޭކިންގ ސިސްޓަމުގައި) ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިގޮތުން ނިންމާ ރޮނގު ފަހަނައަޅައި ގޮސް އިންތިޒާމުކުރާ ފަރާތްތަކުން ޖަހާފައި ހުރި ބޯ ގޮދަޑިތަކުގައި ރޮބޮޓުތައް ޖެހި ވެއްޓޭ މަންޒަރު ވަނީ ފެނިފައެވެ. މިކަމާ ގުޅޭގޮތުން ރޮބޮޓިކްސް ދާއިރާގެ އިންވެސްޓަރެއް ކަމަށްވާ ޝޫ ޗިއާއޯޝެންގް ބުނީ، މިއަހަރުގެ މުބާރާތުގެ ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ރޮބޮޓުތަކުގެ ބެޓެރީ މެނޭޖްމަންޓަށާއި ހޫނު ބޭރުކުރާ ނިޒާމަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމަށާއި، މިއީ ޗައިނާގެ ސިނާއީ ދާއިރާގެ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ އެހެން ކުޅިވަރުތަކުގެ ތެރޭގައި ވާދެމުމާއި، ބަރުއުފުލުމުގެ އިތުރުން ޗައިނާގެ ސަގާފީ ހަރަކާތްތައް ކަމަށްވާ ޓައިޗީ އަދި ހަނި ކަރުދޮށް ހުންނަ ކަންވާރަކަށް ތީރު އެއްލުމުގެ ކުޅިވަރު (ޕިޗް-ޕޮޓް) ފަދަ ކަންކަން ހިމެނެއެވެ. އަދި ބެއިޖިންގްގެ ސްޓާޓަޕެއް ކަމަށްވާ "ގަލްބޮޓް" އިން ވަނީ ރޮބޮޓުތައް އަމިއްލައަށް ބޯޅަ ޓްރެކްކޮށް، ސާވިސްކޮށް އަދި ރިޓާން ޖަހައިގެން ކުޅޭ ޓެނިސް މެޗުތަކެއްވެސް ބާއްވާނެކަން އިއުލާނުކޮށްފައެވެ.
ކުޅިވަރުގެ އިތުރުން ފެކްޓްރީތަކާއި، ރެސްޓޯރެންޓް އަދި އޮފީސްތަކުގެ މާހައުލަށް ހާއްސަކޮށް، ކަރަންޓު ކާރުތައް ޗާޖުކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމާއި، އަތުގެ ހުނަރުވެރިކަން ދައްކުވައިދޭ މުބާރާތްތައް ވެސް ދަނީ ކުރިއަށެވެ. މީގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ކަމަކީ މެޝިނަރީތަކަށް ކޭބަލް ގުޅުމުގެ ޗެލެންޖެވެ. މިއީ ރޮބޮޓުތަކުގެ ލޮލުގެ ފެނުމާއި (ވިޝަން)، އަތްފައިގެ އެލައިންމަންޓް އަދި ބާރު ކޮންޓްރޯލް ކުރުމުގެ ފެންވަރު ބެލުމަށް ބާއްވާ ވަރަށް ނާޒުކު އިމްތިހާނެކެވެ.
ލޫމޯސް ރޮބޮޓިކްސްގެ ސީއީއޯ ޔޫ ޗާއޯ ފާހަގަކުރި ގޮތުގައި، ހަމައެކަނި ދުވުމާއި ފުންމުމަކީ އުފެއްދުންތެރިކަން އިތުރުވާނެ ކަމެއް ނޫން ކަމަށާއި، މި ޓެކްނޮލޮޖީގެ ހަގީގީ އަގު ވަޒަންކުރެވޭނީ އާންމު ދިރިއުޅުމުގެ ހަގީގީ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތްކުރެވޭ މިންވަރަކުންނެވެ. ހަމައެއާއެކު، ޒީރޮތު ކުންފުނީގެ ޗީފް މާކެޓިންގ އޮފިސަރު ހުއާ ރޮންގް ވިދާޅުވީ، މުބާރާތްތަކުގެ ދެއްކުންތެރިކަމަށްފަހު ހަގީގީ ވާދަވެރިކަން ފެށޭނީ މާކެޓަށް ނެރޭ އުފެއްދުންތަކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމައަށް ފުއްދައިދެވޭ މިންވަރުން ކަމަށެވެ.
Ads by MACL
