އެމެރިކާއިން އިޤްތިޞާދީ ފިޔަވަޅު އަޅައިފިނަމަ ގަލްފުން އެންމެ ތެޔޮ ތިއްކެއްވެސް ބޭރުވިޔަ ނުދޭނަން: އީރާން
އެމެރިކާއިން ތާރީޚުގައި ދުޝްމަނަކާ ދެކޮޅަށް ހިންގާނެ އެންމެ ބޮޑު މާލީ އަދި އިޤްތިޞާދީ ހަމަލާ ދޭން ތައްޔާރުވަމުންދާއިރު، އިޤްތިޞާދީ ހަނގުރާމަ ކުރިއަށްދާނަމަ ގަލްފު ސަރަޙައްދުން އެންމެ ތެޔޮ ތިއްކެއްވެސް ބޭރުވިޔަ ނުދީ ހުއްޓުވާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.
މި ކުރިމަތިލުން އިތުރަށް ހޫނުވެފައިވަނީ އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކަށް އަމާޒުކޮށް އެމެރިކާއިން އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމުމާ ގުޅިގެންނެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ފައިނޭންޝަލް ޓައިމްސްގައި ލިޔުނު ލިޔުމެއްގައި ބަޔާންކުރި ގޮތުގައި، ހޯމަ ދުވަހުގެ ފަތިހު ފެށިގެންދާނީ އިޤްތިޞާދީ "ޑީ-ޑޭ" އެކެވެ. އަދި 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބަށްފަހު ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލުކުރަމުންދާ އީރާނާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އިޢުލާނުކުރުމަށް ބެސެންޓް ވަނީ ހަމަޖެހިފައެވެ.
Ads by BMLއެމެރިކާއިން އަމާޒުކުރާނީ އީރާނުގެ އިޤްތިޞާދާއި މާލީ ނިޒާމާ ގުޅުން ބާއްވާ ޤައުމުތަކަށް ކަމަށް އިޝާރާތްކޮށް، އެފަދަ ގުޅުންތައް ދަމަހައްޓާނަމަ ކުރިމަތިވާނެ ނަތީޖާއާމެދު ވިސްނުމަށް ބެސެންޓް ވަނީ އިންޒާރު ދީފައެވެ. އަދި ގަލްފުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ޗައިނާއަށްވެސް އެމެރިކާއަށް އެއްބާރުލުން ދިނުމަށް ގޮވާލާފައިވާއިރު، ވޮޝިންގޓަންގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މައްސަލަ ހައްލުނުވާނެ ކަމަށާއި ބޭނުންވަނީ ޑިޕްލޮމެސީ ކަމަށެވެ.
މި އިންޒާރުތަކަށް ރައްދުދެމުން އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޟާއީ ސޯޝަލް މީޑިއާގައި ބުނީ، އިޤްތިޞާދީ ހަނގުރާމަ ކުރިއަށްދާނަމަ ހޮރުމުޒު ކަނޑުއޮޅިން ވިޔަސް އަދި ޕާޝިއަން ގަލްފުގެ އެހެން އެއްވެސް ދިމާއަކުން ވިޔަސް އެންމެ ތެޔޮ ތިއްކެއްވެސް ބޭރުވިޔަ ނުދޭނެ ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ކުރާ އިޤްތިޞާދީ ހަނގުރާމައިގައި އެއްވެސް ޤައުމަކުން ބައިވެރިވެއްޖެނަމަ ނުވަތަ އެހީތެރިވެއްޖެނަމަ، އެކަން ބަލާނީ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ޢަމަލެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.
ފާއިތުވި ހަފުތާތަކުގައި ދެފަރާތުގެ ދެމެދުގައި ސީދާ އަސްކަރީ ހަމަލާތައް ބަދަލުކުރުން މެދުކެނޑިފައި އޮތް ނަމަވެސް، ހަ މަސް ދުވަސްވީ މި ހަނގުރާމަ ހުއްޓުވުމަށް އެދެވޭ ސުލްޙައިގެ ވާހަކަތަކެއް ދެކެވިފައެއް ނުވެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ފެށި ފަހުން އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު މަރުވެ، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ މަރާލާފައެވެ.
އެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ ޤާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އަވަށްޓެރި ގަލްފު ޤައުމުތަކަށާއި ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމުގެ މިސައިލާއި ޑްރޯން ޤާބިލުކަން އީރާނުގައި އަދިވެސް އެބަހުއްޓެވެ. މީގެ ސަބަބުން މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތައް ހުއްޓުމަކަށް އައިސް، ދުނިޔޭގެ ތެލުގެ އަގުތަކަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. އަދި އެމެރިކާއާއި އިސްރާއީލުން ނައްތާލަން ބޭނުންވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު އޮތް ހާލަތެއް ސާފެއް ނޫނެވެ.
އީރާނުގެ އެތެރޭގެ ހާލަތަށް ބަލާއިރު، ހަނގުރާމައިގެ ކުރިންވެސް ބޮޑު އިންފްލޭޝަނަކާއި، ފައިސާގެ އަގުވެއްޓުމާއި، ހަކަތައިގެ ދަތިކަން ކުރިމަތިވެފައި އޮތްއިރު، ހަމަލާތަކުގައި އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުންތަކާއި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އިޤްތިޞާދަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި އިތުރު ފިޔަވަޅުތަކުގެ ސަބަބުން ޢާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެދާނެ ކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުންވެސް ދެއެވެ.
މި ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، އެމެރިކާ ސިފައިންގެ 18 މީހަކު މަރުވެ، 750 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެމެރިކާއާއި އީރާނާ ދެމެދު ސީދާ ވާހަކަތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ޤަޠަރާއި، ތުރުކީ އަދި ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ސަރަޙައްދީ އަމަންޤާއިމުކުރުމާއި އެމެރިކާގެ އައު ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު ތެހެރާނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
